Last Updated: June 10, 00:02
Tuesday, June 9, 2026
މުނިފޫހިފިލުވުން

އަނެއްކާ ވެސް ޓީވީ ތަރިއަކު ބޮޑު ސްކްރީނަށް

ފަހަކަށް އައިސް އިންޑިއާގެ ޓީވީ ޝޯތަކުން ފެންނަ ތަރިން ބޮލީވުޑް ފިލްމްތަކުން ފެނުމަކީ ވަރަށް އާންމު ކަމަކަށް ވެއްޖެ އެވެ.

ބައެއް ތަރިން ކުޑަ ސްކްރީނުން، ބޮޑު ސްކްރީނަށް ނިކުމެ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ އިރު، ބައެއް ތަރިންނަށް އެކަން ކާމިޔާބްވާ ގޮތެެއް ނުވެ އެވެ.

މި ފަހަރު އަނެއްކާ ވެސް މިއޮތީ ޓީވީ ސިލްސިކާތަކުން ފެންނަ އެކްޓަރަކު ބޮލީވުޑް ފިލްމަކުން ފެނުމުގެ ފުރުސަތު ތަނަވަސްވެގެން ގޮސްފަ އެވެ. އެއީ ހިތެން ތެޖްވާނީ އެވެ. އޭނާ މިހާރު ކުޅޭ ސިލްސިލާއަކީ ޒީ ޓީވީގެ "ޕަވިތުރަ ރިޝްތާ" އެވެ.

ހިތެން ބޮލީވުޑަށް ނިކުންނަ ފިލްމަކީ "ގޯލްމާލް" ސީރީސްގެ ފިލްމްތަކާއި "ހައުސްފުލް" ފްރެންޗައިޒްގެ ފިލްމްތަކާއި މިހާރު ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ ޝާހްރުކް ހާނާއި ދީޕިކާ ޕަދުކޯން ލީޑް ރޯލް ކުޅެފައިވާ "ޗެންނާއި އެކްސްްޕްރެސް" ގެ ޑައިލޮގްތައް ލިޔެފައިވާ ސާޖިދް-ފަރްހާންގެ ފުރަތަމަ ޑައިރެކްޝަން "އިޓްސް އެންޓަޓެއިންމަންޓް" އެވެ.

މި ފިލްމުގައި ލީޑް ރޯލް ކުޅެނީ އަކްޝޭ ކުމާރާއި "ހިންމަތުވާލާ" އިން ފެނިގެން ދިޔަ ތަމަންނާ ބާޓިއާ އެވެ.

"އިޓްސް އެންޓަޓެއިންމަންޓް" އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ހިތެން ބުނީ އެ ފިލްމްގައި އޭނާ ފެންނާނީ ކުޑަކުޑަ ރޯލަކުން ކަމަށެވެ.

"އެއީ ކުރުކުރު ރޯލެއް. އަހަރެން ކުޅޭ ރޯލުން ފެނިގެން ދާނީ ޓީވީގައި މަސައްކަތް ކުރާ އެކްޓަރެއްގެ ގޮތުގައި. މި ފިލްމްގައި މަސައްކަތް ކުރަން އެއްްބަސްވީ ފިލްމްގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީއަކީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސަކަށް ވާތީ،" ގިނަ ސިލްސިލާތަކެއް ކުޅެފައިވާ ހިތެން ބުންޏެވެ. "އަހަރެން ކުޅެން ލިބުނު ރޯލާ ދޭތެރޭ ވަރަށް އުފަލުން މިހިރީ."

ބޮލީވުޑްގައި ކާމިޔާބްކަމާ އެކު ފައިތިލަ ސާބިތުކޮށްފައިވާ ޓީވީ ތަރިންގެ ތެރޭގައި މިހާރު އެންމެ ގިނަ އޮފާތައް އޮހެމުން އަންނަ އެއް ތަރިއަކީ ކުރިން "ޕަވިތުރަ ރިޝްތާ" ގައި ލީޑް ރޯލް ކުޅުނު ސުޝާންތު ސިންގް ރާޖް ޕުޓް އެވެ.

އަބިޝެކް ކަޕޫރުގެ ކާމިޔާބް ފިލްމް "ކައި ޕޯ ޗޭ" އިން ބޮލީވުޑަށް ތައާރަފްވުމަށް ފަހު އޭނާ ވަނި އިންޑިއާގެ އެންމެ ބޮޑު ޕްރޮޑަކްޝަން ހައުސް ޔާޝްރްޖާ ފިލްްމްސް (ވައިއާރްއެފް) ގެ ދެ ފިލްމަކަށް މިހާތަނަށް ސޮއިކޮށްފަ އެވެ.

އޭގެ ތެރެއިން އެއްް ފިލްމަކީ ސެޕްޓެމްބަރު މަހު ރިލީޒްވާ "ޝުދް ދޭސީ ރޮމާންސް" އާއި ޖެނުއަރީގައި މަސައްކަތް ފަށާ "ޑިޓެކްޓިވް ބިއޮމްކޭޝް ބަކްޝީ" އެވެ. މީގެ އިތުރުން ރާޖް ކުމާރު ހިރާނީގެ "ޕީކޭ" ގައި ވެސް އޭނާ މުހިއްމު ރޯލެއް އަދާ ކުރެ އެވެ.

ސުޝާންތުގެ އިތުރުން މަޝްހޫރު ޓީވީ ސިލްސިލާ "ކަހީތޯ ހޯގާ" އިން ފެނިގެން ދިޔަ ސޫޖަލް ނުވަތަ ރަޖީވް ކަންޑަލްވާލްއަކީ ވެސް ކާމިޔާބް ތަރިއެކެވެ.

އޭނާ ކުުޅުނު ފިލްމްތަކަށް ބަލާ އިރު "އާމިރް"، "ޝައިތާން" އަދި "ޓޭބަލް ނަމްބަރު 21" އަކީ ކްރިޓިކަލީ އެކްލައިމްޑް ފިލްމްތަކެކެވެ.