Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ސިޔާސީ ފިކުރަށް ބަލައިގެން ވަޒީފާއިން ވަކި ކޮށްފައެއް ނުވާނެ: ޔާމީން

ރައީސް ޔާމީން އެމަނިކުފާނުގެ ސަޕޯޓަރުންނާއި ސަލާމް ކުރައްވަނީ -- ފޮޓޯ / ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ ފިކުރަށް ބަލައިގެން ވަޒީފާއިން މީހުން ވަކި ކޮށްފައި ނުވާނެ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން މ. މުލަކަށް ވަޑައިގެން ޕީޕީއެމް އަދި ޕީއެންސީ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ފިކުރަށް ބަލައިގެން އެމަނިކުފާނުގެ ސަރުކާރުގައި މީހުން ވަޒީފާއިން ވަކި ކުރި ކަމަށް ބުނެ މިހާރުގެ ސަރުކާރުގައި ތިއްބެވި ފަރާތްތަކުން ދައްކަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އެމަނިކުފާނު ވަނީ ތަކުރާރުކޮށް ސިޔާސީ ސަބަބުތަކަށްޓަކައި ނުވަތަ ސިޔާސީ ފިކުރަށް ބަލައިގެން އެއްވެސް ސިވިލް ސާވަންޓެއް އަދި އެއްވެސް ކުންފުންޏެއްގެ މުވައްޒަފަކު ވަކި ކުރުމަށް އަންގާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ ވަޒީފާއިން ވަކި ކުރިއަސް ކޮށްފައި ވާނީ ސިޔާސީ މަގާމުތަކުގައި ތިއްބެވި މީހުން ކަމަށެވެ. ނަމަވެސް މިއަދުގެ ސަރުކާރުން ޕީޕީއެމް ފިކުރުގައި ތިބި އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވި ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު އެންމެ ބޮޑަށް އަޑު އިވިގެން ދިޔައީ ސިޔާސީ ފިކުރަށް ބަލައިގެން ވަޒީފާއިން ވަކި ކުރާ ވާހަކައާ އަދި ވަޒީފާއަށް މިހުން ވައްދާ ވާހަކަ އެވެ.