Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ރާއްޖެއާ ދެމެދު އޮންނަ ގުޅުން އަބަދުވެސް ދެމި އޮންނާނެ: ޗައިނާ

ރާއްޖެއާ ޗައިނާއާ ދެމެދު އޮންނަ ގުޅުން އަބަދުވެސް ދެމި އޮންނާނެ ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު އަދި ސްޓޭޓު ކައުންސިލަރު ވާންގް ޔީ ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބައްދަލުކުރައްވާ ޗައިނާގެ ފޮރިން މިނިސްޓަރު ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އަދި ފޮރިން މިނިސްޓަރު ޝާހިދު ޗައިނާއަށް ވަޑައިގެންނެވީތީ ވަނީ މަރުހަބާ ދަންނަވާފައެވެ.

ފޮރިން ިނިސްޓަރު ޝާހިދުގެ ވަނީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތުގައި ޗައިނާ ސަރުކާރާއި ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އިގްތިސާދީ އިޖްތިމާއީ ދާއިރާއިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭ ގޮތުން ދެބޭފުޅުން ވަނީ މި ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރައްވާފައެވެ.

މިނިސްޓަރު ޝާހިދު ވަނީ "ވަން ޗައިނާ" ޕޮލިސީ ދަމަހައްޓައި، ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝީއޭޓިވް" އަށް ދިވެހިރާއްޖޭގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް އަށް އަރުވާފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްގީީއަށް، ހާއްސަކޮށް ސިނާއީ ތަރައްގީއަށާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް، ޗައިނާ ސަރުކާރުން ފޯރުކޮށްދެއްވާ އެހީތެރިކަމަށް މިނިސްޓަރ ޝާހިދު ޝުކުރު ދެންނެވިއެވެ. 

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޗައިނާއަށް ވަޑައިގެންފައި ވަނީ ޗައިނާގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށެވެ. މިއީ ފޮރިން މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންފަހުން މިނިސްޓަރު ޝާހިދު ޗައިނާއަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅުވެސްމެއެވެ.