މާލޭގައި ހިނގައިގެން އުޅޭ އަލިފާނުގެ ހާދިސާގައި ގެއެއްގެ ތެރޭގައި ތާށިވި ދެމީހުން ސަލާމަތުން އެތަނުން ނެރެފިއެވެ.
ތާށިވެ ނުނިކުމެވިފައި ތިބީ ކުޑަ ފިރިހެން ކުއްޖަކާއި އަންހެނެކެވެ. އެއީ ދެމައިންނެވެ.
މައުލޫމަތު ލިބޭ ގޮތުގައި އެ ދެމައިން ރާށިވީ ހ. ފެހިއާބާދުގެ ހަތަރު ވަނަ ފަންގިފިލާގައި ހުރި ފާހާނައެއް ތެރޭގައެވެ. ސަލާމަތީ ބާރުތަކުން ވަނީ އެ ދަމައިން ސްޓްރެޗާގައި މިހާރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އަލިފާން ރޯވެފައިވަނީ ހ.ފެހިއާބާދުގޭގައި ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވާއިރު އަލިފާންގަނޑު ފެތުރި އެ ހިސާބުގައި ހުރި އެހެން ގެތަކުގައި ވެސް ވަނީ ރޯވެފައެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިން އަދި އާންމުން ވެސް ހަރަކާތްތެރިވަމުން އަންނައިރު ދުމުގެ އަސަރުކޮށްގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭގެތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.
އަދި އަލިފާނުގެ އަސަރުކޮށްފައިވާ ގެތަކުގެ މީހުންނަށް ވަގުތީ ތަނެއްގެ ގޮތުގައި ޑިޒާސްޓް މެނޭޖްމެންޓް ސެންޓަރުން ވަނީ ކަލާފާނު ސްކޫލް ހަމަޖައްސާފައެވެ.
އަލިފާން ރޯވެފައި ވަނީ ކެމިކަލް ރައްކާކޮށްފައި ހުރި ތަނެއްގައި ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު މިކަން އަދި މިހާތަނަށް ޔަގީން ކުރެވިފައެއް ނުވެއެވެ. ނަމަވެސް އަލިފާން ރޯވި ވަގުތު އެއްޗެހިތަކެއް ވަރަށް ބާރަށް ގޮވި އަޑު އިވުނު ކަމަށް އެ ސަރަހައްދުގައި ތިބި ފަރާތްތަކާ ހަވާލާދީ ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މިއީ މިފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ.