އެބަޔަކަށްވީ ވަރަކުން އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އާޓްސް އެންޑް ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ގޮވާލައްވައިފިއެވެ.
ހެންވޭރު ފެހިއާބާދު ގޭގައި ހިނގައިގެން އުޅޭ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާތަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓުން ވަނީ ކަލާފާނު ސްކޫލުގައި ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސަ ދީފައެވެ.
މިނިސްޓަރު ޔުމްނާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ފަރުދެއްގެ އަތުގައި އިތުރުވެފައި އޮތް އަންނައުނެއް ވިއަސް އަދި ކުޑަކުދިން ކުޅެން ގެންގުޅޭ އެއްޗެއް އޮތަސް ހާލުގައި ޖެހިފައިވާ އާއިލާތަކަށް ހަދިޔާ ކުރުމަށް އެދޭ ކަމަށެވެ.
އަލިފާން ރޯވެފައި ވަނީ ކެމިކަލް ރައްކާކޮށްފައި ހުރި ތަނެއްގައި ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު މިކަން އަދި މިހާތަނަށް ޔަގީން ކުރެވިފައެއް ނުވެއެވެ. ނަމަވެސް އަލިފާން ރޯވި ވަގުތު އެއްޗެހިތަކެއް ވަރަށް ބާރަށް ގޮވި އަޑު އިވުނު ކަމަށް އެ ސަރަހައްދުގައި ތިބި ފަރާތްތަކާ ހަވާލާދީ ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.