އަލިފާ ހިފާފައިވާ ގެއެއްގައި ހުރި އަންހެނަކު ގެއްލިހެން ހޯދުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ.
"އައްޑޫލައިވް"އާ ވާހަކަދައްކަމުން އެ އަންހެން މީހާގެ އާއިލާ މީހަކު ބުނީ އެންމެ ފަހުން ހަބަރެއްވީ އަލިފާން ރޯވެގެން އޭނާގެ ފިރިމީހާއަށް އެވާހަކަ އެންގުމަށް ފޯނު ކުރި ވަގުތުގައި ކަމަށެވެ. އަދި އޭގެ ފަހުން އެ އަންހެން މީހާގެ ހަބަރެއް ނުވާ ކަމަށް އޭނާ ބުންޏެވެ.
އަލިފާން ރޯވި ސަރަހައްދަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ އަލިފާނުގެ ހާދިސާގައި އެކަކު ނުފެންނަ ކަމަށް ކަމާ ގުޅުންހުރި އިދާރާތަކާއި ހަވާލާ ދެއްވާ މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ.
އެމީހާ ހޯދުމަށް އާއިލާއިން ވަނީ އޭޑީކޭ ހޮސްޕިޓަލް އަދި އިސްކަންދަރު ސްކޫލުގައި ހުރި ވަގުތީ ހިޔާވެސް ވަނީ ބަލައިފަައެވެ. ނަމަވެސް އެމީހާގެ ހަބަރެއް އަދި ނުވެއެވެ.
އެމްއެންޑީއެފްގެ މީީޑީޔާ އޮފިޝަލް ވިދާޅުވީ މި ހާދިސާއާ ގުޅިގެން މީހަކު ގެއްލިގެން އުޅޭ ކަމަށް ބުނެ ރިޕޯޓު ކުރުމާ ގުޅިގެން އެ ގެޔާއި އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔަތޯ ވެސް މިހާރު ބަލަމުން އަންނަ ކަމަށެވެ.