މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހަމްދަރުދީ ފޮނުއްވައިފިއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭ މާލޭގައި ހިނގައިގެން މިއުޅޭ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ހުރިހާ އާއިލާތަކަށް ހަމްދަރުދީ އަރިސްކުރާ ކަމަށެވެ. އަދި އެކަމުގައި މީހުން ސަލާމަތް ކޮށްދިނުމުގެ މަސައްކަތުގައި އެހީތެރިވެދިން އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. ރައީސް ނަޝީދު ވަނީ ހާއްސަކޮށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމަށް މިކަމުގައި ޝުކުރު ދަންނަވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ އެންމެހާ ފަރާތްތަކުން ރައްކާތެރިވެ ތިބުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މިވަގުތު ކަމާބެހޭ މުއައްސަސާތަކުން އާއްމުންގެ ފަރާތުން ބޭނުންވާ އަމަލީ އެހީތެރިކަން ފޯރު ކޮށްދިނުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މިރޭ އަލިފާން ރޯވެފައިވަނީ ހ.ފެހިއާބާދުގޭގައި ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވާއިރު އަލިފާންގަނޑު ފެތުރި އެ ހިސާބުގައި ހުރި އެހެން ގެތަކުގައި ވެސް ވަނީ ރޯވެފައެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިން އަދި އާންމުން ވެސް ހަރަކާތްތެރިވަމުން އަންނައިރު ދުމުގެ އަސަރުކޮށްގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭގެތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.
މިއީ މިފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ.