Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

ވަގުތީ ހިޔާގައި ތިބި ފަރާތްތަކުގެ ހާލު ރައީސް ބައްލަވައިފި

ފޮޓޯ: ޓްވިޓާ

މިރޭ ހ. އަބަދަށްފެހި މަގުގައި ހުރި ގެތަކެއްގައި ރޯވެގެން ހިނގާފައިވާ ހާދިސާގައި ވަގުތީ ހިޔާގެ ގޮތުގައި ހަމަޖެއްސި ކަލާފާނު ސްކޫލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަޑައިގެންފިއެވެ.

ރައީސް ސޯލިހް ވަގުތީ ހިޔާއަށް ވަޑައިގެން ވަނީ އެތަނުގައި ތިބި ފަރާތްތަކުގެ ހާލު ބައްލަވާލައްވާފައެވެ. މީގެ ކުރިން ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ވެސް ރައީސް ވެސް ވަޑައިގެންފައެވެ. އެތަނަށް ވަޑައިގެން ނޫސްވެރިންނާއި ދެއްވި ބަސްދީގަތުމުގައި ރައީސް ސޯލިހް ވަނީ މިރޭގެ ވަގުތެއްގައި ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބޭއްވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ބައްދަލުވުމަކީ މިފަދަ ހާދިސާއެއް ކުރިޔަށް އޮތްތަނުގައި ހިނގިޔަ ނުދިނުމަށް ކުރެވިދާނެ ކަންތަކާއިބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވޭ ބައްދަލުވުމެއްކަން ވެސް އެ މަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

ވަގުތީ ހިޔާގައި ތިބި ފަރާތްތަކުގެ ހާލު ބެއްލެވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އެތަނަށް ޒިޔާރަތް ކުރައްވާފައެވެ. ކަލާފާނު ސްކޫލުގައި ޑިޒާސްޓާ މެނޭޖްމަންޓްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ފަރާތްތަކުގެ ހާލު ބެއްލެވުމަށްފަހު ނިކުމެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ފައިސަލް ދެއްކެވި ވާހަކަފުޅުގައި އެތަނުގައި ތިބި އެއްވެސް ފަރާތަކަށް ބޮޑު ގެއްލުމެއް ވެފައިނުވާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ކަންތައް ހިނގާދިޔަ ގޮތް އެސެސް ކުރެވި ކަންތައް ބައްލަވަމުން ކަމާބެހޭ ފަރާތްތަކުން ދާނެ ކަމަށް ވެސް އެ ބޭފުޅާވަނީ ވިދާޅުވެފައެވެ.

ރޯވެފައިވާ އަލިފާންގަނޑު މިހާރުވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް ދުމުގެ އަސަރު ކޮށްގެންނާއި ނަފްސާނީ ގޮތުން އެކި އުނދަގޫތަކާއި ކުރިމަތިލާން ޖެހުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދީފައެވެ. ބައެއް ފަރާތްތައް އެޑްމިޓް ކުރެވިގެން ފަރުވާ ދެމުންދާ ކަމަށް ވެސް އޭޑީކޭ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.