Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

އަލިފާނުގެ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އަޅާނަން: ރައީސް

މިރޭ ހެންވޭރުގައި ހުރި ގެތަކެއްގައި ހިނގި ފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ޒިޔާރަތްކުރައްވައި، އެ ސަރަޙައްދަށް ލިބިފައިވާ ގެއްލުން ބައްލަވާލެއްވުމަށްފަހު، މީޑިޔާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ މި ހާދިސާގައި އެކި ވަރުގެ އަނިޔާތައް ލިބި، އޭ.ޑީ.ކޭ. ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ ގާތަށް ޒިޔާރަތްކުރައްވައި އެ މީހުންގެ ޙާލު ބައްލަވާލައްވާފައެވެ. އަދި، މި ހާދިސާގައި ގެއްލުން ލިބުނު ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަލާފާނު ސްކޫލަށް ޒިޔާރަތްކުރައްވައި، އެމަނިކުފާނު ވަނީ އެތަނުގައި ތިބި މީހުންގެ ޙާލު ބައްލަވާލައްވާފައެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހެންވޭރު އަބަދަށްފެހި މަގުގައި ހުންނަ ފެހި އާބާދު ކިޔާ ގެއަކާއި، އެގެއާއި އިންވެގެންވާ އިތުރު ގެތަކެއް، އަދި ގުދަންތަކެއްގައެވެ. މި ހާދިސާއާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިރޭގެ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ޢާއިލާތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި، އަމިއްލަ ޖަމުޢިއްޔާ އަދި ޖަމާޢަތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެކަން ހާމަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ހާދިސާއާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކެބިނެޓްގެ ޚާއްޞަ ބައްދަލުވުމެއް މިރޭ ބާއްވަވާނެ ކަމުގައިވެސް ވިދާޅުވެފައެވެ. އަދި، ނުރައްކާތެރި ކެމިކަލް ފަދަ ތަކެތި ރައްކާކުރާ ގުދަންތައް، އާންމުކޮށް މީހުން ދިރިއުޅޭ ސަރަޙައްދުތަކާއި ދުރަށް ބަދަލުކުރަން ސަރުކާރުން މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ވަނީ މިރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ޒިޔާރަތް ކުރައްވައި، އެ ސަރަޙައްދުގެ ޙާލަތު ބައްލަވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެސް ވަނީ މި ހާދިސާގައި ގެއްލުން ލިބުނު ޢާއިލާތައް މި ވަގުތު ތިބި ކަލާފާނު ސްކޫލަށް ޒިޔާރަތްކުރައްވައި، އެ މީހުންގެ ޙާލު ބައްލަވާލައްވާފައެވެ. މިކަމާ ގުޅޭ ގޮތުން މީޑިޔާއަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިފަދަ ނުރައްކާތެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރައްވަމުން ގެންދަވާނެކަމުގައި ވިދާޅުވެފައެވެ.

އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މިރޭ އަލިފާން ރޯވެފައިވަނީ ހ.ފެހިއާބާދުގޭގައި ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވާއިރު އަލިފާންގަނޑު ފެތުރި އެ ހިސާބުގައި ހުރި އެހެން ގެތަކުގައި ވެސް ވަނީ ރޯވެފައެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިން އަދި އާންމުން ވެސް ހަރަކާތްތެރިވަމުން އަންނައިރު ދުމުގެ އަސަރުކޮށްގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭގެތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

މިއީ މިފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ.