މިރޭ މާލޭގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް މާލީގޮތުން ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ފައިސާ ހަމަޖެއްސުމުގެ ކަންކަން ކުރިޔަށްގެންދެވުމަށް ސަރުކާރުން ނިންމައިފިއެވެ.
މާލޭގައި މިރޭ ހިނގާދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން މުލީއާގޭގައި ބޭއްވި ވަޒީރުން މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވަނީހާލުގައި ޖެހުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންކަން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާ އަދި ކަމާގުޅޭ އެހެން އިދާރާތަކާ ގުޅިގެން ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
ވަޒީރުންގެ މަޖްލީހުން ވަނީ ކުރިޔަށް އޮތްތަނުގައި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިމަށް އަޅުއްވަންޖެހޭ ފިޔަޅުތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކޮށްފައެވެ. އެގޮތުން މިހާރު މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި މިހާރު ހުރި ކެމިކަލްފަދަ ނުރައްކާތެރި ތަކެތި ރައްކާކުރާ ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ބަދަލުކުރުމުގެ ކަންކަން ކުރިޔަށްގެންދަވާނެ ޕްލޭނެއް އެކުލަވާލެއްވުމަށް ވެސް ވަޒީރުންގެ މަޖުލީހުން ވަނީ ނިންމަވާފައެވެ.
މިހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވީ، އަބަދަށްފަހި މަގުގައި ހުރި ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައެވެ. އަދި އެ އަލިފާންގަނޑު އެ ގޭގެ ފަހަތުގައި ހުރި ބައެއް ގޭގެއަށް ފެތުރުނު އިރު އެ ގޭގެ ކުރިމަތިން އަބަދަށްފެހި މަގުގައި ހުރި އެހެން ގެއެއްގައި ވެސް ރޯވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މި ހާދިސާގައި އެކަކު ވަނީ މަރުވެސްވެފައެވެ. މަރުވީ އައިޝަތު ޝިއުނާ ނަމަކަށް ކިޔާ އުމުރުން 49 އަހަރުގެ މީހެކެވެ.