Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

އަލިފާނުގެ ހާދިސާގައި 400އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނު: ޑީއެމްއޭ

ރޭ ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވެ ހިނގާދިޔަ އަލިފާނުގެ ހާދިސާގައި 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (ޑީއެމްއޭ) އިން ބުނެފިއެވެ.

ޑިޒާސްޓާއިން ބުނީ އެ ހުރިހާ ފަރާތްތަކަކަށް ވެސް އެހީތެރިވަމުން އަންނަ ކަމަށެވެ. ރޭގެ އަލިފާނުގެ ހާދިސާއާ ގުޅިގެން މަޖީދިއްޔާ ސްކޫލާއި ކަލާފާނު ސްކޫލުގެ އިތުރުން އިމާދުއްދީން ސްކޫގައި ވަނީ ހާލުގައި ޖެހުނު އާއިލާތަކަށް އެހީވުމަށް ހާއްސަ މަރުކަޒެއް ގާއިމްކޮށްފައެވެ. އެ މަރުކަޒުތަކަށް އާއްމުންގެ އެހީތެރިކަން ވެސް ދިޔައީ ލިބެމުންނެވެ. އެގޮތުން އަންނައުނާއި ކާނެ އަދި ބޯނެ އެއްޗެހިވެސް ބައެއް އާއްމުން ވަނީ ފޯރު ކޮށްދީފައެވެ.

ބަންޑާރަ ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ރޭ ހާލުގައި ޖެހިގެން 443 މީހުން ގެނެވުނު ކަމަށެވެ. އޭގެ ތެރެއިން 13 އާއިލާއެއްގެ 83 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ. ހިސާން ވިދާޅުވީ ވަގުތީ ކޭމްޕްގައި ބައެއް ބިދޭސީންވެސް ތިބި ކަމަށެވެ. އޭނާ ވިދާޅުވީ ބައެއް ބިދޭސީންނާއޮ ވެރިފަރާތުން ހަވާލުވެފައިވާއިރު 59 ބިދޭސީންއަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ހާލުގައި ޖެހުނު މީހުންގެ ތެރެއިން ބައެއް މީހުން އާއިލާ މީހުންގެ ކައިރިއަށް ގޮސްފައިވާ ކަމަށްވެސް ހިސާން ވިދާޅުވި އެވެ. އާއިލާތަށް ކައިރިއަށް ބަދަލުވެފައިވާ މީހުންގެ ހާލަތުވެސް ކައިރިން މޮނީޓާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.