މާލޭގައި ރޭ ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ގުޅިގެން އުރީދޫގެ ނަންބަރުތަކަށް ކުރެވޭ ކޯލުތަކާއި ވައިބާ އަދި ޓްވިޓާ މިއަދު ހިލޭކުރަން އުރީދޫއިން ނިންމައިފިއެވެ.
އުރީދޫއިން ބުނީ މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފުރާނައެއް ގެއްލި އަދި އެތަކެއް ގެދޮރާއި މުދަލަށް ގެއްލުން ލިބުނު އާއިލާތަކަށް މުވާސަލާތުކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން މިއަދު އުރީދޫގެ ނަންބަރުތަކަށް ކުރެވޭ ހުރިހާ ކޯލެއް އެއްވެސް އިތުރު ޗާޖަކާނުލާ ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިއްބެވި ބޭފުޅުންނާ މުވާސަލާތު ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ވައިބާ މެދުވެރިކޮށް ކޯލު އަދި މެސެޖު ކުރުމުގެ ހިދުމަތްވެސް އެއްވެސް އިތުރު ޗާޖަކާނުލާ މިއަދު ލިބޭނެކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫއިން ބުނީ މީސްމީޑިއާ މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އާއްމު މައުލޫމާތު ލިބޭނޭގޮތް ފަހިކޮށްދިނުމުގެ ގޮތުން ޓްވިޓާގެ ހިދުމަތްވެސް މިއަދު މުޅިން ހިލޭ ލިބޭނެ ކަމަށެވެ. ހާލަތާއިގުޅޭ ކަށަވަރު މައުލޫމާތު ހޯދުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، އަދި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރސީ)ގެ މީސްމީޑިއާ އެކައުންޓްތަކަށް ފޮލޯ ކުރުމަށް އުރީދޫއިން ވަނީ އިލްތިމާސްކޮށްފަ އެވެ. ރޭގެ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމުގައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާނެކަމަށް އުރީދޫއިން ބުނެއެވެ.
އަލިފާނުގެ ހާދިސާ ހިނގި ގެތަކުގައި ދިރިއުޅޭ މީހުންނަށް ކަލާފާނު ސްކޫލުން ވަގުތީ ބޯހިޔާވަހިކަން ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓުން ހަމަޖައްސައިދިނެވެ. އެގޮތުން މިހާތަނަށް ކަލާފާނުގެ ސްކޫލުގައި 443 މީހުން ރެޖިސްޓްރީ ކޮށްފައިވާކަމަށާއި، މިހާތަނަށް 83 ފަރާތަކަށް ވަގުތީ ބޯހިޔާ ވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ބުނެއެވެ. މީގެއިތުރަށް 59 ބިދޭސީއަކު ގަލޮޅު ދަނޑުގައި އެކޮމޮޑޭޝަން ހަމަޖައްސައިދީ އިތުރު 60 ބިދޭސީއަކު ވެރިފަރާތާއި ހަވާލުކުރެވިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ބުނެއެވެ.