ރޭ ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ފަދަ އިތުރު ހާދިސާއެއް ނުހިނގުމަށްޓަކައި ކެމިކަލް ރައްކާ ކޮށްފައި ހުރި ބައެއް ގުދަންތަކުން އެ ކެމިކަލްތައް އެހެން ދިމާލަކަށް ބަދަލު ކުރަން ފަށައިފިއެވެ.
ހ. ތިލަފުށީ ގޭގައި ހުރި ގުދަަނަކީ ކެމިކަލްތަކެއް ބަހައްޓާފައި ހުރި ގުދަނެކެވެ. އަދި އެ ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވީވެސް އެ ކެމިކަލްތަކުގެ ސަބަބުންނެެ. އެމްއެންޑީއެފްއިން ވެސް ބުނީ ކެމިކަލް ހުރި ހަތަރު ގުދަނެއްގައި ރޯވި ކަމަށެވެ. އަދި އަލިފާންގަނޑު އެހާ ބޮޑަށް ރޯވެގެން ދިޔައީވެސް އެއީ ކެމިކަލް ތަކަކަށްވުމުން ކަމަށެވެ. ރޭގެ އެ ހާދިސާގައި ރޯވި ހަތަރު ގުދަނުގެ އިތުރުން ހަތް ގެއެއްވެސް ވަނީ އަނދާ ހުލިވެފައެވެ. މި ހާދިސާގައި އަންހެނަކު މަރުވިއިރު އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.
ބައެއް މީހުން އަންނަނީ ކެމިކަލް ބަހައްޓާފައި ހުންނަ ގުދަންތައް މީހުން ނޫޅޭ ސަރަހައްދުތަކަށް ގެންދިއުމަށް ގޮވާލަމުންނެވެ. އެގޮތުން މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ގ. ފެހިމާގެ ނަމަކަށް ކިޔާ ގެއެއްގައި ހުރި ގުދަނެއް ތެރޭ ހުރި ފީފާތަކެއް ނެރެމުން އަންނަ ކަމަށެވެ. ބެލެވޭ ގޮތުގައި އެއީވެސް ކެމިކަލް އަޅާފައި ހުރި ނުވަތަ ހުޅުހިފާ ޒާތުގެ ކެމިކަލްތަކެކެވެ.
މި ގުދަން ހުންނަނީ ގަލޮޅުގައި ކަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވަނީ މި މައްސަލަ ޑިޒާސްޓާ މެނޭޖުމަންޓާއި ހިއްސާ ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ގުދަނުގެ ވެރިފަރާތުންވެސް އެ ގުދަން އެހެން ދިމާލަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރާ ކަމަށް މީކާއީލް ވަނީ އޭނާގެ ޓްވީޓާގައި ބުނެފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ މާލޭގައި އެފަދަ ކެމިކަލް ގުދަންތަކެއް ހުރުމަކީ ވަރަަށް ނުރައްކާތެރި ކަމެއްކަމަށާއި، ސަރުކާރު ވެރިކަމާ ހަވާލުވެ، ގުދަންތައް ޗެކުކޮށް އެކަމުގެ ރިޕޯޓެއް ތައްޔާރުކުރިކަމަށެވެ. އެގޮތުން މާލޭގައި ހުރި 126 ގުދަނެއް ޗެކްކޮށްފައިވާ ކަމަށާއި، އޭގެތެރެއިން 82 ގުދަނަކީ މީހުން ދިރިއުޅޭ ސަރަހައްދުގަ ހުރި ގުދަންތަކެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ. އަދި އެގުދަންތަކުގައި ރަނގަޅު ކުރަންޖެހޭ ކަންތައް ފާހަނގަކުރެވިފައި ހުރި ނަމަ އެކަންކަން ރަނގަޅު ކުރުމަށް ވެރިފަރާތަށް އަންގާފައި ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.