ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، 13 އަތޮޅަކަށް ޔެލޯ އެލާޓު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓު ނެރެފައި ވަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ. އެއީ ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، އަދި ލ. އަތޮޅުތަކެވެ. އެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރުން އެކަށީގެންވާ އިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
މެޓު އޮފީހުގެ އިތުރުން ފުލުހުންނާއި އެމްއެންޑީއެފްއިން ވެސް ވަނީ ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އެގޮތުން އެމްއެންޑީއެފްއިން ބުނެފައި ވަނީ ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރެއްވުމަށާއި ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި ހަމައެއާއެކު ޑައިވިން ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވައިގެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު ނޫނީ މިފަދަ ކުޅިވަރުތައް ނުރޭވުމަށް ވަނީ އެދިފައެވެ. އަދި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުންވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށްވެސް އެމްއެންޑީއެފްއިން ވަނީ އިލްތމާސްކޮށްފައެވެ.