Last Updated: April 20, 11:49
Saturday, April 20, 2024
ރިޕޯޓް

އަލިފާނުގެ ހާދިސާގައި އޭޑީކޭގެ ރޯލު ވަކި ކުޑައެއް ނޫން، ޝުކުރު ހައްގު!

ކިތަންމެ ދުރެއްގައި ހުއްޓަސް އަބަދުވެސް ޓްވީޓާ ބަލަމެވެ. ކަންކަން އޮޅުން ފިލުވުމަށެވެ. ގައުމުގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނީ މިޒަމާނުގައި ޓްވީޓާ ކަހަލަ އެޕަކުންނެވެ. އާދައިގެ މަތިން ހުކުރު ދުވަސްކަމުން ހަވީރު ވަގުތުގައި ކޮންމެވެސް ވަރަކަށް ބައެއް ހަބަރުތައް ލިޔެލުމަށްފަހު ބޭރަށް ނިކުމެލީ ދެ ރައްޓެއްސަކާއި އެކީގައި ކޮފީއެއް ބޯލާށެވެ. އެވަގުތުވެސް ފޯނުން ރާއްޖޭގެ ހަބަރުތައް ބެލުމަށް ޓްވީޓާ ދިޔައީ ބަލަމުންނެވެ. ކުއްލިއަކަށް ފެނުނީ ޓްވީޓާގައި މީހަކު ބްރޭކިންއެއް ޖަހާފައި އިން މަންޒަރެވެ. "މާލޭގެ ގެއެއްގައި އަލިފާން ރޯވެއްޖެ" މިފަދައިންނެވެ. އަދި އެ ޓްވީޓާއި އެކުގައި ލާފައި އިން ފޮޓޯއިން ފެންނަނީ ބޮޑު ދުންގަނޑެކެވެ.

ވަގުތުން ރޯވެގެން އުޅެނީ ކޮންތާކުތޯއާ ބެލުމަށް އެކި މީހުންނާއި ވައިބާ އަދި ވަޓްސްއެޕް ގްރޫޕުގައި ޖަހައިފީމެވެ. ހަބަރު ލިބުނީ ހައިރާން ކުރުވާ ގޮތަކަށެވެ. ރޯވެގެން އުޅެނީ ކޯސްޓްލައިން ހާޑުވެއާ އަށްވުރެވެސް ބޮޑު އަލިފާންގަނޑެއް ކަމަށް ބުންޏެވެ. ކޯސްޓްލައިން ހާޑްވެއާ އަލިފާންގަނޑަކީ މިހާތަނަށް ރާއްޖޭގައި ހިނގާދިޔަ އެންމެ ވަރުގަދަ އެއް އަލިފާނުގެ ހާދިސާއެވެ. ނަމަވެސް އެއަށްވުރެ ބޮޑު އަލިފާންގަނޑެއް ކަމަށްވަންޏާ މީހުންނާއި މުދާ ސަލާމަތް ކުރާނެ ގޮތެއް އަހަރެންގެ ސިކުނޑިއަކަށް ވިސްނައެއް ނުގަނެވުނެވެ.

އަހަރެން އުޅޭ ހިސާބާއި މާ ދުރަށް އައުމުން ލެޕްޓޮޕް ނުލާވެސް މަސައްކަތް ފެށީ ހަބަރުތައް ފޯނުން ލިޔެވޭތޯއެވެ. އަދި ޓްވީޓާ ސްކްރޯލްކޮށް އައު ހަބަރުތަކާއި އަލިފާނުގެ ހާދިސާގެ އިތުރު އަޕްޑޭޓުތައް ދިޔައީ ބަލަމުންނެވެ.

އަލިފާން ރޯވިތާ މާ ގިނައިރެއް ނުވެއެވެ. ކުއްލިއަކަށް މީހަކު ލިޔެފައި އިން ޕޯސްޓެއް ޓްވީޓާއިން ފެނުނެވެ. "އޭޑީކޭ ހޮސްޕިޓަލު ކުއްލި ހާލަތަށް ގެނެސްފި" މިފަދައިންނެވެ. ވަގުތުން އޭޑީކޭގެ މެނޭޖުމަންޓުގައި އުޅޭ ރަށްޓެއްސަކަށް ޓްވީޓާއިން މެސެޖެއް ކޮށްލާ އެއީ ތެދެއްތޯ ޔަގީން ކޮށްލީމެވެ. "ހޮސްޕިޓަލް އޮތީ އެލާޓުގައި" އޭނާ ބުންޏެވެ. އޭނާގެ އެ މެސެޖު ފެނުމުން ހާސްވެ، ކަންބޮޑުވެފައިވާ އަހަރެންނަށް ހިތްހަމަ ޖެހުމެއް ލިބުނެވެ. އެއީ އެއޮށް ބޮޑު އަލިފާންގަނޑުގެ ސަބަބުން ދުމުގެ އަސަރު ކޮށްފައިވާ އެތައް ބަޔަކަށް ވަގުތުން ފަރުވާ ލިބެން ފަށާނެ ކަމުގެ އުއްމީދު ލިބުމުންނެވެ.

ރޭ ހިނގާދިޔަ އަލިފާނުގެ ހާދިސާގައި އޭޑީކޭގައި 61 މީހަކަށް ފަރުވާ ދިނެވެ. އޭގެތެރެއިން 50 މީހުން މިހާރު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު އެމީހުންނަށް ފަރުވާ ދީފައިވަނީ އެ ހޮސްޕިޓަލުގެ އެމެޖެންސީގައެވެ. ކުޑަވަގުތު ކޮޅަކަށް ފަރުވާއަށް ހަތް މީހަކު އެޑްމިޓު ކުރިނަމަވެސް ފަހު އެމީހުންވެސް ދޫކޮށްލިއެވެ. އޭޑީކޭއިން ބުނީ މިވަގުތު އެޑްމިޓު ކޮށްގެން ފަރުވާ ދެނީ ތިން މީހަކަށް ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅުނު ސަރަހައްދަކީ އޭޑީކޭއާ މާ ދުރުނޫން ހިސާބެކެވެ. އެހެންކަމުން އެ ހޮސްޕިޓަލު ވަގުތުން އެލާޓަށް ގެނެސް މަސައްކަތް ފެށީ އެ ހޮސްޕިޓަލަށް އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އަވަސް ފަރުވާ ދިނުމަށެވެ.

ވަގުތުން އާއްމު ހިދުމަތް ދިނުން މެދުކަނޑާލި!

ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ގިނަ ރައްޔިތުން އިތުބާރުކުރާ އަމިއްލަ ހޮސްޕިޓަލަކީ އޭޑީކޭއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރޭގަނޑު ކިތަންމެ ދަންވަރަކު ދިޔަނަމަވެސް އޭޑީކޭގައި ބަލިމީހަކު ނެތް ވަގުތެއް ވަރަށް މަދުވާނެއެވެ. އަބަދުވެސް ހިދުމަތް ދެމުން ގެންދެއެވެ. ނަމަވެސް އަލިފާނުގެ ހާދިސާ ހިނގައިގެން އުޅުނު ރޭ މުޅި އޭޑީކޭ މުވައްޒަފުން މަސައްކަތް ކުރީ ކުރިން ދެންނެވި ފަދައިން އަލިފާނުގެ ހާދިސާއިން ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށެވެ.

އެގޮތުން އެ ހޮސްޕިޓަލުން ދެމުން ދިޔަ އާއްމު ހިދުމަތް އަލިފާންގަނޑު މުޅިން އެއްކޮށް ކޮންޓްރޯލް ކުރެވި އާއްމު ހާލަތަކަށް އައުމާ ޖެހެންދެން މެދުކަނޑާލިއެވެ. މިއީ ސަރުކާރުން ހޮސްޕިޓަލެއް ނޫނެވެ. އަމިއްލަ ހޮސްޕިޓަލެއް ނަމަވެސް އާއްމު ހިދުމަތް މެދުކަނޑާލާ އެ ހޮސްޕިޓަލުން ވިސްނީ އަލިފާނުގެ ހާދިސާގެ އަސަރުު ކޮށްފައިވާ ފަރާތްތަކަށް އަވަސް ފަރުވާ ދިނުމަށެވެ.

އެމްއެންޑީއެފްއިން ބުނީ އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ 7:30ގައި ކަމަށެވެ. ފާހަގަކޮށްލަން ޖެހެނީ އޭޑީކޭ ހޮސްޕިޓަލު އެމެޖެންސީ ހާލަތަށް ނުވަތަ އެ ހޮސްޕިޓަލަށް އެލާޓަށް ގެނެވުނު ގަޑިއެވެ. އެއީ 7:25އެވެ. އެންމެ ފުރަތަމަ ދުމުގެ އަސަރު ކޮށްގެން ހާލުދެރަ މީހަކު ގެނައީ 7:35ގައެެވެ.
މިކަމާއި ގުޅިގެން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަފްއާލަށް ގުޅާލީމެވެ. ނަމަވެސް ފޯނަށް ޖަވާބު ނުދެއްވައެވެ. ނަމަވެސް އޭޑީކޭގެ އިސް އޮފިޝަލެއް ވިދާޅުވީ އެވަގުތު އެ ހޮސްޕިޓަލުން ބެލޭ ވީ އެ ހާދިސާގައި އެ ހޮސްޕިޓަލާއި ހޮސްޕިޓަލުގެ މުވައްޒަފުންނަށް އެހީތެރިވެވޭނެ ގޮތެއް ކަމަށެވެ. އެގޮތުން އެ ހާދިސާއާ އެންމެ ކައިރި ހޮސްޕިޓަލަކަށް އެވަގުތު ހުރީ އޭޑީކޭކަމުން މުޅި ހޮސްޕިޓަލު އެލާޓަށް ވަގުތުން ގެނައި ކަމަށެވެ.

"ވަގުތުން އާއްމު ހިދުމަތްވެސް މެދުކަނޑާލިން. އަދި އަވަހަށް ބެލީ ސްޓްރެޗަރުތަކާއި އެމްބިއުލާންސްތައް ތައްޔާރީ ހާލަތަށް ގެނެސް ކުރު ގޮތަކަށް ބުނާނަމަ މުޅި ހޮސްޕިޓަލް ތައްޔާރީ ހާލަތަކަށް ގެނައުމަށް. އަޅުގަނޑުމެންގެ ޓީމުތައްވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވި ހާލުދެރަ މީހުން ހޮސްޕިޓަލަށް ގެނައުމަށް. ރައްޔިތުންގެ ސަލާމަތް މާ މުހިއްމު ވާނެ ދެއްތޯ ހާއްސަކޮށް އެފަދަ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭއިރު،" އޮފިޝަލް ވިދާޅުވިއެވެ.

އޭޑީކޭއިން މިވީ ގުރުބާނީއަކީ ވަކި ކުޑަ ގުރުބާނީއެއް ނޫނެވެ. މިއީ ހޮސްޕިޓަލަކުން ނަމަ ކުރަންޖެހޭނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފާނެއެވެ. ނަމަވެސް ހިތާމައާ އެކުގައި ދަންނަވަން ޖެހޭނީ މި ހާދިސާގައިވެސް ސަރުކާރު ހޮސްޕިޓަލު އެމެޖެންސީ ހާލަތަށް އައީ އިރުތަކެއް ފަހުން ކަމެވެ. ނަމަވެސް އޭޑީކޭއިން މި ކުޅެދިން ރޯލުން އެތައް ބައެއްގެ ފުރާނަ ސަލާމަތްވިއެވެ. އެތައް ބަޔަކަށް އެތައް އާއިލާއަކަށް ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައީއެވެ.
އަލިފާނުގެ ހާދިސާގައި މީހުން ސަލާމަތް ކުރުމާއި އަލިފާންގަނޑު ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ހުރިހާ ފަރާތްތަކަށް ޝުކުރު ހައްގެވެ. ނަމަވެސް އޭޑީކޭގެ މަތިން ހަނދާން ނައްތާނުލާށެވެ. އެ ހޮސްޕިޓަލުގެ މުވައްޒަފުންނާއި މެނޭޖުމަންޓަށްވެސް ޝުކުރު ހައްގެވެ.