ރާއްޖޭގައި ކޮންމެ ވެރިއަކު ހުންނެވި ކަމުގައިވިއަސް ޗައިނާ ސަރުކާރާއި ޗައިނާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ރާއްޖެއަށް ލިބެމުން ދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެގައުމުން ދީފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލައްވާ ފުރާވަޑައިގަތުމުގެ ކުރިން ދެއްވާފައިވާ އިންޓަވިއެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ޗައިނާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމެއް ކަމަށެވެ. ޗައިނާގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވާ ދެކެވުނު ވާހަކަތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ ޗައިނާގެ ރައްޔިތުންނަކީ ދިވެހިންނަށް ހާއްސަ އިހުތުރާމަކާއި ލޯތްބެއް ދެމުން ގެންދާ ބައެއްކަން ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ފާހަގަކުރެއްވި ކަމަށެވެ.
"އަދި ހަމައެއާއެކު ރާއްޖޭގައި މަސައްކަތް ކުރަމުން ގެންދާ އަދި ވަކިން ހާއްސަކޮށް ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތައް އެކި ސަބަބުތަކާއި ހެދި ލަސްވަމުންދާ ދިއުމާއި ގުޅޭގޮތުން އެ ކުންފުނިތަކާއި ބައްދަލުކޮށް މަޝްވަރާ ކުރެވުނު،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ދިވެހި ހުރިހާ ރައްޔިތުންގެ ވިންދާއި އެއްގޮތަށް ދުނިޔޭގެ ހުރިހާ ގައުމުތަކާއި އެކުގައިވެސް ގުޅުން ބަދަހި ކުރާ ގައުމެއް ކަމަށެވެ. އެގޮތުން ޗައިނާ ސަރުކާރާއި ރައްޔިތުންނަކީ ދިވެހިރާއްޖެއަށް ގިނަގުނަ އެހީތެރިކަމެއް ވެދީފައިވާ ބައެއް ކަމަށާއި އަދި ޗައިނާގެ ރައްޔިތުންނަށް ދިވެހިންގެ ހިތުގައި އޮތް ލޯބި މިއަދު މަތިވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ މި ދަތުރުފުޅުގައި ވަނީ ތިން އެއްބަސްވުމެއްގައި ޗައިނާއާ އެކުގައި ސޮއިވެސް ކުރައްވާފައެވެ. އެ ތިން އެއްބަސްވުމުގައިވެސް ސޮއި ކުރެއްވީ މިނިސްޓަރު ޝާހިދެވެ.