Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

މާލެއަކީ ޗޮއިސްއަކަށް ހެދޭކަށް ނެތް: މެންބަރުން

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުންތަކެއް -- ފޮޓޯ / މަޖިލިސް

މާލެއަކީ ދިރިއުޅެން މަޖުބޫރު ތަނަކަށް ހެދޭކަށް ނެތް ކަމަށާއި މާލެ ނޫން ގޮތެއް ހޯދަން އެބަޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވާ ވާހަކަފުޅުދައްކަވަމުން

މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ކުރީގެ ހޯމް މިނިސްޓަރު އަދި ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ އިގްތިސާދީ ހުރިހާ ކަމަކާއި އާމްދަނީ ލިބޭނެ ހުރިހާ ކަމެއް އޮތީ މާލެއަށް މަރުކަޒު ކުރެވިފައި ކަމަށެވެ. މާލެއާ އެއްވަރަށް މިއަދާ ހަމައަށް ވެސް ތަރައްގީ ކުރެވިފައި އޮތް އެހެން ސިޓީއެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މާލޭގައި 12 ބުރިއަށް 15 ބުރިއަށް އިމާރާތް ކުރަން ޖެހެނީ މާލޭގައި އިތުރަށް ޖާގަ ނެތިގެން ކަމަށް ހަސަން އަފީފު ވިދާޅުވިއެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުތަކެއް ތަރައްގީކޮށް އެހެން ދިމާތަކަށް މީހުން ގެންގޮސް ނޫނީ މާލޭގެ ތޮއްޖެހުން ކުޑަ ކުރެވޭކަށް ނެތް ކަމަށެވެ. މާލޭގެ އުސް އިމާރާތްތަކުގައި މި އުޅެނީ ހަމައެކަނި މާލެ މީހުންނެއް ނޫން ކަމަށް ވިދާޅުވެ ޝަރީފު ވިދާޅުވީ މައްސަލަތައް ހައްލު ކުރުމަށް ލާމަރުކަޒު ކުރަންޖެހޭ ކަމަށެވެ. މާލެ ތަރައްގީ ކޮށްފައިވަނީ ޕްލޭނުތަކެއް ނެތި ކަމަށްވެސް ޝަރީފުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ އަލިފާނުހެ ހާދިސާއެއް ހިނގާއިރު އަލިފާން ނިއްވާނެ ގޮތެއް ނެތް ކަމަށެވެ. ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި ކަމަށްވާ ނަމަ އެކަމުން ސަލާމާތްވާނެ ގޮތެއްވެސް މާލޭގެ ގެތަކުގައި ނުހުންނާނެ ކަމަށް ޖީހާން ވިދާޅުވިއެވެ.

ހ. އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި ފުރަތަމަ ރޯވި ގުދަނުގައި އަދިވެސް ހޫނުކަން ހުރުމުން ދުން ކޮންމެވެސް ވަރަކަށް އަރަމުން އައި ނަމަވެސް އެ ސަރަހައްދު މިހާރު އޮތީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައެވެ. އެމްއެންޑިއެފް ފަޔާ އެންޑް ރެސްކިއުއާއި ވެލާނާ އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއު އަދި ފުލުހުންނާއި އާންމުންގެ ބުރަ މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ހުކުރު ދުވަހުގެރޭ ދަންވަރުއެވެ. އެރޭ މާލެއަށް ވަރަށް ބޯކޮށް ވިއްސާރަވެ ވާރޭވެސް ވެހުނު އިރު އަދިވެސް އެއިމާރާތް އެއްކޮށް ނުނިވޭތީ އާންމުން ތިބީ ކަންބޮޑުވެފައެވެ.