މިދިޔަ ހުކުރު ދުވަހު މާލޭގައި މި ދިމާވި ނުރައްކާ ހާދިސާ ފަދަ ހާދިސާތަކުން އެކަކު އަނެކަކަށް ނުވަތަ އެއް ސަރުކާރު އަނެއް ސަރުކާރުގެ ބޮލަށް އެކަންކަން ނުކަނޑާ އެކަންކަމުން އިބުރަތް ހާސިލް ކުރުމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިފަދައިން ވިދާޅުވެފައި މިވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކެމިކަލް ގުދަން ފަދަ ގުދަންތައް އިންޑަސްޓްރިއަލް ޒޯނަށް ބަދަލު ކުރެވޭނެހާ ދުވަސް ވެއްޖެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަ އެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ އާ ވެރިކަމަށް ދިހަ މަސް ދުވަސްވީއިރު ވެސް ގުދަންތައް އިންޑަސްޓްރިއަލް ޒޯނަށް ބަދަލު ނުކުރެވި ހުރުމުން ކަންބޮޑުވާ ކަމަށެވެ. އޭނާ ވިދާޅުވީ ވެރިކަން ނިމިގެން ދިޔައީ ގުދަންތައް އެތަނަށް ބަދަލު ކުރުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައި ވަނިކޮށް ކަމަށެވެ.
އަސްލަމް ވަނީ މުއިއްޒު އެފަދައިން ވިދާޅުވުމުން ސުވާލު އުފައްދާފައެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެތަން ހިއްކުމަށްފަހު ވެސް އެހާ ދުވަސްވީއިރު ގުދަންތައް ބަދަލު ކޮށްފައި ނުވާތީއެވެ. އަސްލަމް ވަނީ ހުޅުމާލެ އެހާ ކައިރީގައި އޮތްއިރު އަދި ތިލަފުށިވެސް އެހާ ކައިރީގައި އޮތްއިރު އިތުރު ތަނެއް ހިއްކުމަށްފަހު އެތަނަށް ގުދަންތައް ބަދަލުކުރަންޖެހޭ ސަބަބަކީ ކޮބައިތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އަސްލަމް ވިދާޅުވީ އެތަނަށް ގުދަންތައް ބަދަލުކުރާއިރު އެތަނުގައި ޕެޓްރޯލް ޝެޑެއް ހުންނަ ކަމަށެވެ. އަދި ވިދާޅުވީ އެތަނުގެ ކުރިމަތީގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް ހުންނައިރު ކުރީގެ މިނިސްޓަރު މުއިއްޒުގެ ޕްލޭނަކީ އެންމެ ރަނގަޅު ޕްލޭން ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
އަސްލަމް ވަނީ އެފަދަ ހާދިސާތައް ހިނގުމުން އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި އެކަން އެޅުވުމުގެ ބަދަލުގައި އެކަމުން އިބުރަތް ހާސިލުކޮށް ދެވަނަ ފަހަރަށް އެކަން ތަކުރާރު ނުވާނެހެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.
މާލޭގައި ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ހަ ގެއެއް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. އެމްއެންޑީއެފްއިން ބުނީ އެހާ ބޮޑު އަލިފާންގަނޑެއް ފެތުރުނީ، ހަތަރު ކެމިކަލް ގުދަނެއްގައި ރޯވެގެން ކަމަށެވެ. އެ ހާދިސާގައި 400އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނުއިރު އެކަކު މަރުވެސްވިއެވެ.