ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ ހަފުތާގައި ޗައިނާ އަށް ކުރެއްވި ދަތުރަކީ ދެ ގައުމުގެ ގުޅުން އިތުރަށް ކުރިއަރުވަން އެޅުނު ފިޔަވަޅެއްގެ ގޮތުގައި ޗައިނާއިން ސިފަކޮށްފިއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ގެން ޝުއާން މިދިޔަ ހުކުރު ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ޝާހިދު މިދިޔަ ހަފުތާގައި ޗައިނާ އަށް ކުރެއްވި ދަތުރަކީ ދެ ގައުމުގެ ދެމެދުގައި އިތުބާރު އުފައްދަން ލިބުނު ފުރުސަތެއް ކަމަށެވެ. ރާއްޖެއަކީ ޗައިނާގެ އަވަށްޓެރިއެއް ކަމަށާއި އަދި ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށް ޝުއާން ވިދާޅުވިއެވެ. ޝުއާން ވިދާޅުވި ގޮތުގައި ދެގައުމަކީވެސް އެއްގައުމު އަނެއް ގައުމަށް އެހީތެރިވާ އަދި އެއްގައުމު އަނެއް ގައުމަށް އިހުތިރާމް ކުރާ ބައެއްކަން ފާހަގަކުރިއެވެ.
ދަތުރުފުޅު ނިންމާލައްވާ ޝާހިދު ވިދާޅުވެފައި ވަނީ ރާއްޖޭގައި ކޮންމެ ވެރިއަކު ހުންނެވި ކަމުގައިވިއަސް ޗައިނާ ސަރުކާރާއި ޗައިނާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ރާއްޖެއަށް ލިބެމުން ދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެގައުމުން ދީފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ ޗައިނާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމެއް ކަމަށެވެ. ޗައިނާގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވާ ދެކެވުނު ވާހަކަތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ ޗައިނާގެ ރައްޔިތުންނަކީ ދިވެހިންނަށް ހާއްސަ އިހުތުރާމަކާއި ލޯތްބެއް ދެމުން ގެންދާ ބައެއްކަން ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ފާހަގަކުރެއްވި ކަމަށެވެ.
"އަދި ހަމައެއާއެކު ރާއްޖޭގައި މަސައްކަތް ކުރަމުން ގެންދާ އަދި ވަކިން ހާއްސަކޮށް ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތައް އެކި ސަބަބުތަކާއި ހެދި ލަސްވަމުންދާ ދިއުމާއި ގުޅޭގޮތުން އެ ކުންފުނިތަކާއި ބައްދަލުކޮށް މަޝްވަރާ ކުރެވުނު،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ދިވެހި ހުރިހާ ރައްޔިތުންގެ ވިންދާއި އެއްގޮތަށް ދުނިޔޭގެ ހުރިހާ ގައުމުތަކާއި އެކުގައިވެސް ގުޅުން ބަދަހި ކުރާ ގައުމެއް ކަމަށެވެ. އެގޮތުން ޗައިނާ ސަރުކާރާއި ރައްޔިތުންނަކީ ދިވެހިރާއްޖެއަށް ގިނަގުނަ އެހީތެރިކަމެއް ވެދީފައިވާ ބައެއް ކަމަށާއި އަދި ޗައިނާގެ ރައްޔިތުންނަށް ދިވެހިންގެ ހިތުގައި އޮތް ލޯބި މިއަދު މަތިވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.