Last Updated: March 29, 13:51
Friday, March 29, 2024
ރިޕޯޓް އަލިފާންގެ ހާދިސާ

އަލިފާނުގެ ބޮޑު ހާދިސާ: ޓެރަރިސްޓުންގެ އިންޒާރަކަށް ވެދާނެތަ؟

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދު. ފޮޓޯ: ފޭސްބުކް

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއިން އަދިވެސް މިއުޅެނީ އަރައި ނުގަނެވިގެންނެވެ. އެކަމުގެ ސަބަބުން އެތައް އާއިލާއެއް ބިކަވެގެން ހާލުގައި ޖެހިއްޖެއެވެ. އެތައް ކިޔަވާ ކުދިންނަކަށް އެކަމުގެ ސަބަބުން އަސަރު ކޮށްފިއެވެ. ބައެއް މީހުން އަދިވެސް ތިބީ ނަފްސާނީ ގޮތުން ލިބުނު ބިރުވެރި ކަމެއްގެ ތެރޭގައެވެ. ރޯވާން ޖެހުނީ ކީއްވެގެން ކަމެއް އަދިވެސް ނޭނގެއެވެ. ކަމާ ބެހޭ އިދާރާތަކުން އަންނަނީ އެކަމުގެ ތަހުގީގުތައް ކުރަމުންނެވެ. ނަމަވެސް އެނގޭހާ އެއްޗަކީ އެއީ ބިރުވެރި ރެއެއް ކަމެވެ. އެއީ މިހާތަނަށް މާލޭގައި އެންމެ ނުރައްކާތެރި އަދި އެންމެ ބިރުވެރި އަލިފާނުގެ ހާދިސާއެވެ.

އަލިފާނުގެ ހާދިސާ ހިނގިތާ އަދި މިވީ ދެތިން ދުވަހެވެ. އެކަމުގެ ވާހަކަތަކާއި ޒިންމާ ނަގަންޖެހޭ ފަރާތްތަކުގެ ވާހަކަތަކާއި ގުދަންތަކުގެ ވާހަކަތައް ނުނިމި އުޅެނިކޮށް އެ ހާދިސާއަށް އިތުރު ބޮޅެއް އިތުރުވެއްޖެއެވެ. އެއީ ރައްޔިތުން މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ. މުއިއްޒުގެ ފޭސްބުކް އޭނާ ވިދާޅުވީ ކެމިކަލް ގުދަނުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު މީހުން ރާވައިގެން ދިން ޓެރަރިސްޓު ހަމަލާއެއް ކަމެވެ. މުއިއްޒުގެ މި ވާހަކައާ ގުޅިގެން ރޭ ހަތަރުދަމު މުޅި ސޯޝަލް މީޑިއާގާ ދެކެވިގެން ދިޔައީ މި ވާހަކަތަކެވެ.

ސަރުކާރުން ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓު އާއްމުކުރިތާ 24ގަޑިއިރުވެސް ނުވޭ!

 

މެންބަރު މުއިއްޒުގެ އެ ފޭސްބުކް ޕޯސްޓާއި ގުޅިގެން ގިނަބަޔަކު ބުނަމުން ދިޔައީ މި ވޭތުވެދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައާ މުޅި ސެޕްޓެމްބަރު މަސް ތެރޭގައި އެންމެ ގަދައަށް ދެކެވިގެން ދިޔައީ ޓެރަރިސްޓުންގެ ވާހަކަތަކާއި ޓެރަރިސްޓު ޖަމާއަތްތަކުގެ ވާހަކަތައް ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ބުނީ ސަރުކާރުން ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓު އާއްމުކުރިތާ 13 ގަޑިއިރުން އެ ހާދިސާ ހިނގައިގެން ދިއުމަކީ އިއްތިފާގެއް ކަމަށް ނުބުނެވޭނެ ކަމަށެވެ.

ބައެއް ފަރާތްތަކުން މާ ބޮޑު ވާހަކައެއް ނުދައްކާ އެއް ދުވަސް ކުރީގެ ހަބަރުތަކުގެ ސުރުހީތައް ޕޯސްޓުކޮށްލާފައި ދޫކޮށްލިއެވެ. އޭގެތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވުނީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ދެއްކެވި ވާހަކަފުޅެވެ. ޕީޕީއެމް ޕީއެންސީން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާދަމް ޝަރީފް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓު އާއްމު ނުކޮށް އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި އެ ލިސްޓު ބެހެއްޓީ ގައުމާއި ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ބަލާފައި ކަމަށެވެ. އެހެންކަމުން އެ ސުރުހީ ހިއްސާ ކޮށްފައިވާ އާއްމުން އެ ބުނަމުން ދަނީ އަލިފާނުގެ ހާދިސާ ހިނގައިގެން ދިޔައީ ސަރުކާރުން ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓު އާއްމުން ކުރުމުންނެވެ.

މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން – ފޮޓޯ: ޕޮލިސް

ބައެއް ފަރާތްތަކުން ބުނީ މެންބަރު މުއިއްޒުގެ އެވާހަކައަކީ ތޯތޯ ވާހަކައެއް ނޫން ކަމަށެވެ. އެ މައްސަލާގައި މުއިއްޒު އެފަދައިން ވިދާޅުވީ ކީއްވެގެންތޯ ބެލުމަށް މުއިއްޒާއިވެސް ސުވާލު ކުރެވެގެން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކުން އެކަމުގެ ތަހުގީގެއް ކުރަން ޖެހޭނެ ކަމަށް ބައެއް މީހުން ބުންޏެވެ.

މުއިއްޒު އެފަދައިން ވިދާޅުވިއިރު އަލިފާން އެންމެ ފުރަތަމަ ރޯވި ކެމިކަލް ގުދަނުގެ ވެރިފަރާތުގެ ވާހަކަވެސް ގަބޫލު ކުރެވޭ ކަމަށް ބައެއް ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. ކެމިކަލް ގުދަނުގެ ވެރިފަރާތް ނުވަތަ ކުންފުނި ގްރީންފާތުގެ އިސްވެރިން ބުނަމުން ދަނީ އެތަނަކީ ކަރަންޓުވެސް ހުންނަ ތަނެއް ނޫން ކަމަށެވެ. އެހެންކަމުން އަލިފާން ރޯވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެފަރާތުން ހާމަކުރެއެވެ.

އެ ކުންފުނިން ބުނީ އެ ގުދަނަކީ ގަވާއިދާއި ހިލާފަށް ހުންނަ ތަނެއް ނޫން ކަމަށެވެ. އަދި އެތަނަކީ ކަމާ ގުޅުންހުރި އިދާރާތަކުން އިންސްޕެކްޓު ކުރަމުންދާ ތަނެއް ކަމަށެވެ. އެގޮތުން މިއަހަރުގެ މެއި މަހުގައި އެމްއެންޑީއެފްއިން އެތަން އިންސްޕެކްޓު ކޮށްފައިވާއިރު އެތަނުގެ ކަންކަން ހުރީ އެމްއެންޑީއެފްއިން ބޭނުންވާ ގޮތަށް ގާނޫނާއި ގަވާއިދުތަކުގެ ތެރޭގައި ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ވާހަކަތަކަށް ބަލާއިރު މެންބަރު މުއިއްޒުގެ ވާހަކަތަކުގައި "ޕޮއިންޓެއް" އެކުލެވޭ ކަމަށް ބެލެވި ދާނެއެވެ. ކަންކަން ހިނގާފައިވާ ގޮތުންނާއި ތާރީހުތަކާއި ގަޑިތަކަށް ބަލާލުމުން މިއީ ނުވާނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް ސުވާލަކީ އެ ގުދަނުގައި ރޯ ކުރަންވީ ކީއްވެގެން ހެއްޔެވެ. އިންޒާރެއް ދޭން ހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބު ސަރުކާރުން ދޭންޖެހެއެވެ. ކޮންމެ ކަމެއް ސިއްރު ކޮށްފައި ބޭއްވުމުގެ ބަދަލުގައި ރައްޔިތުންނަށް ކަންކަން ހާމަ ކޮށްދޭން އެބަޖެހެއެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާއަށްފަހު ރާއްޖެއަށް ނުރައްކާ އޮތްކަން ހާމަކުރީ ވެސް ހަމަ އެމްއެންޑީއެފްއިންނެވެ. އޭގެ ދުވަސްކޮޅެއް ފަހުން ރާއްޖޭގެ ވެރިރަށް މާލޭގައި ސިފައިންނާއި ފުލުހުން ވެގެން ބޮޑެތި ހުރިހާ މުއައްސަސާތަކަކާއި އިދާރާތަކެއްގައި ފޯރި މަރާ، ތައްޔާރީ ހާލަތުގައި ތިބީ "ތަމްރީނަކަށް" ކަމަށްބުނެ އޮޅުވާލައިގެން ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ނަތީޖާ ފަހުން ހިތިވާނެއެވެ. އެއާޕޯޓުގައި ދާދިފަހުން ވެސް ސިފައިން ހިންގި އޮޕަރޭޝަނަކީ ތަމްރީނެއް ކަމަށް ފުލުހުން ބުނި ނަމަވެސް ބުއްދީގެ ހަމަތަކުން އެއީ އެގަޑީގައި ކުއްލިއަކަށް ތަމްރީނެއް ނުހަދާނެކަން އެނގެއެވެ.

އެހެންކަމުން މި ހިނގާދިޔަ އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ރާވައިގެން ދިން ހަމަލާއެއްތޯ ނޫނީ ހަމަ ހުރެ ބަހައްޓާފައި ރޯވީތޯ ބަލަން އެބަޖެހެއެވެ. އެފަދަ ކަމެއް އުޅޭ ކަމަށްވާ ނަމަ އެކަން ކުރި ބަޔަކު ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނެސް ގައުމާއި ރައްޔިތުންގެ ސަލާމަތަށް ކަންކަން ނުފޮރުވާ ހަގީގަތް ހާމަ ކޮށްދޭށެވެ.