Last Updated: May 7, 18:19
Tuesday, May 7, 2024
ޚަބަރު ވައްކަން ކުރުން

އައްޑޫގައި ވައްކަން ކުރުން އިތުރުވެ، ރޭވެސް ދެ ފިހާރައެއް ފަޅާލައިފި

އައްޑޫގައި މި ދުވަސްކޮޅު އާދަޔާ ހިލާފަށް ވައްކަން ކުރުން އިތުރުވެއްޖެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭވެސް ވަނީ ހިތަދޫން ދެ ފިހާރައެއް ފަޅާލާފައެވެ. މީގެ އިތުރުން އިއްޔެ ރޭވެސް ވަނީ ހިތަދޫގެ އިތުރު ދެ ފިހާރައެއް ފަޅާލާފައެވެ.

ވައްކަން ކުރުން އާއްމުވެ ރައްޔިތުން ބޮޑު ބިރުވެރިކަމެއްގައި ތިބި އިރު މި ކަމާއި ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގެ ހުރިހާ ރަށެއްގައިވެސް ވައްކަމާއި ފޭރުން ވަނީ އިތުރުވެފައެވެ.

ހުޅުމީދޫން ހޮނިހިރު ދުވަހުގެ ރޭ އުމުރުން 70 އަހަރުގެ އަންހެނަކަށް ވަޅިން ހަމަލާ ދިނުމަށްފަހު ވަނީ ފައިސާ އާއި ފޯނެއް ފޭރިގެންފައެވެ. އެމީހާއަށް އިތުރު ފަރުވާ ދިނުމަށް މިއަދު މާލެ ފުރުވާލުމަށް ވަނީ ނިންމާފައެވެ.

ހުޅުމީދޫން ވާހަކަ ދެއްކި މީހަކު ބުނީ ވައްކަން ކުރުން އެ ރަށުގައި ވެސް އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިހާރު ވައްކަން ކުރަނީ ރޯމާ ދުވާލުކަމަށް އެމީހާ ބުންޏެވެ.

ވައްކަން އިތުރުވެފައިވާ އިރު ވަގުންގެ ނުރައްކާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފުންނާއި އެތަނުގައި ތިބި ބަލި މީހުންނަށްވެސް ވަނީ ބޮޑުވެފައެވެ. ފޭރޭ މީހުން ހޮސްޕިޓަލަށް ވަދެ ޑޮކްޓަރުންނާއި ނަރުހުންނަށް ބިރު ދައްކާފައިވާ އިރު ބައެއް މީހުން އަތުން ފޭރެން މަސައްކަތް ކޮށްފައި ވެއެވެ.

ހޮސްޕިޓަލްގެ ޑޮކްޓަރުން ދިރިއުޅޭ ގެތަކަށްވެސް ވަގުންގެ އުނދަގޫވަނީ ބޮޑުވެފައެވެ. އެހެންވެ ހޮސްޕިޓަލްގެ މެނޭޖްމަންޓުން ވަނީ އެކަންބޮޑުވުން ފާޅުކޮށްފައެވެ.