މި މަހުން ފެށިގެން އައްޑޫގެ ވިޔަފާރިތަކުން ފީއެއްގެ ގޮތުގައި މަހަކު 200 ރުފިޔާ ނަގަން އައްޑޫ ސިޓީ ކައުންސިލުން ނިންމުމާ ގުޅިގެން އެ އަދަދު ބޮޑު ކަމަށް ބުނެ އެ ދަދަށް ފީ ނުނެގޭނެ ކަމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ހުށަހެޅި މައްސަލަ އިތުރަށް ބަލަމުން ދާތީ އެކަމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސ. މީދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅައިފި އެވެ.
މީދޫ ޖަބްރޯލްމާގެ ހުސެއިން އިބްރާހިމް ހުށަހެޅި މައްސަލާއި ގުޅިގެން އިއްޔެ މީދޫ ކޯޓުގައި ބޭއްވި ޝަރީއަތުގައި ގާޒީ ވިދާޅުވީ ކޯޓުން އިތުރަށް ބަލަމުންދާ މައްސަލަ އަކަށްވާތީ ފީ ނުނެގޭނެ ގޮތަށް ވަގުތީ އަމުރެެއް ނެރެދެވެން ނެތް ކަމަށެވެ. އަދި މައްސަލައިގެ އިތުރު އަޑުއެހުމެއް ފަހުގެ ތާރީހެއްގައި ބާއްވާނެ ކަަމަށް ކޯޓުން ވަނީ ބުނެފަ އެވެ.
މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ޖުލައި މަހުން ފެށިގެން ވިޔަފާރިތަކުން 200ރ. ނަގަން ނިންމީ މިނިސްޓްރީން އެކަމާ ގުޅިގެން އެޓާނީ ޖެނެރަލް (އޭޖީ) ގެ ލަފާ ހޯދުމަށް ފަހު، އެކަން ކައުންސިލަށް އެންގުމުން ކަމަށެވެ. އެހެން ނަމަވެސް ގާޑިއާ ވިޔަފާރިތަކުން ކުރިއެކޭ އެއްގޮތަށް ނަގާނީ 50ރ. ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
ސޯބެ ވިދާޅުވެފައިވަނީ ވިޔަފާރިތަކުން 200ރ. ގެ ފީއެއް ނަގަން ނިންމީ އާބާދީގައި 10،000 ނުވަތަ އެއަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ކާބޯތަކެތީ ވިއްކާ ތަންތަނުންނާއި އިމްޕޯޓް މުދާ ވިއްކާ ތަންތަނުން 200ރ. ގެ ފީއެއް ނެގޭނެ ކަމަށް "އިމްޕޯޓް މުދާ ވިއްކާ ތަންތަން، ސައި ހޮޓާ އަދި ކެންޓީނާ ބެހޭ ގާނޫނު" ގައި ބަޔާންކޮށްފައިވާތީ އައްޑުއަކީ އާބާދީގައި 30،000 އަށް ވުރެ ގިނަ މީހުން އުޅޭ އަތޮޅަކަށްވާތީ ކަމަށެވެ.
އެގޮތަށް އަމަލު ކުރުމަށް އަންގައި އިކޮނޮމިކް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އުސްމާން ޝާކިރު އެޕްރީލް 29، 2013 ވަނަ ދުވަހު ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރުގެ ދަށުމް، ހުޅުދޫ، މީދޫ، ފޭދޫ، މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫ ހިމެނޭ ގޮތަށް އައްޑުއަކީ ރަށެއްގެ ގޮތުގައި އޮކްޓޯބަރު 14، 2010 ކަނޑައަޅާފައިވާ ކަމަށެވެ.
"ވީމާ އިސްވެ ދެންނެވުނު ނުކުތާތަކަށް ރިއާޔަތްކޮށް ހުޅުދޫ، މީދޫ، ހިތަދޫ، މަރަދޫ، މަރަދޫފޭދޫ. ފޭދޫގެ އާބާދީގެ ޖުމްލަ އެންމެ ފަހުން އިއުލާންކޮށްފައިވާ ބޯހިމެނި ހިސާބުން ބައްލަވައި 10،000 މީހުން ނުވަތަ އެއަށް ވުރެ ގިނަ މީހުން އައްޑޫ ސިޓީގައި ދިރިއުޅޭ ނަމަ 200ރ. ނަންގަވަމުން ގެންދެވުމަށް ދެންނެވީމެވެ،" ސިޓީގައިވެ އެވެ.
އައްޑުއަކީ ވަކިވަކި ރަށްރަށުގެ ބަދަލުގައި މިހާރު ސިޓީއެއްގެ ގޮތުގައި ބަލާތީ، މުޅި އާބާދީ 10،000 އަށް ވުރެ މަތިވުމުންނެވެ.
އައްޑޫގެ އާބާދީގައި ޖުލައި 2012 އާ ހަމައަށް ތިބީ ޖުމްލަ 31،999 މީހުންނެވެ.