Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ގައުމީ ހިތާމައިގެ ދަނޑިވަޅުގައިވެސް ރައީސަށް މުހިއްމުވީ ތަގުރީރުކުރުން: އަދުރޭ

އަދުރޭ ރައީސް ސޯލިހާއި ސަލާމް ކުރައްވަނީ --- ފޮޓޯ / ވަން އޮންލައިން

މި ދަނޑިވަޅުގައިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މުހިއްމުފުޅުވީ ޔުނައިޓެޑް ނޭޝަން (ޔޫއެން)ގައި ތަގުރީރު ކުރެއްވުން ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސަރުކާރަށާއި ރައީސް ސޯލިހަށް ފާދުވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި އިއްޔެ ވިދާޅުވީ މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ދިވެހި ރައްޔިތުންގެ ތެރެއިން 80އަށްވުރެ ގިނަ އާއިލާ ހާލުގައި ޖެހިފައިވާ، ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައިވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މުހިއްމުފުޅުވީ ޔޫއެންގައި ތަގުރީރު ކުރެއްވުން ކަމަށެވެ.

އިތުރު ޓްވީޓެއްގައި އަބްދުއްރަހީމް ވަނީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް ކުރިމަތިވި ހިތާމާގައި ބައިވެރިވުމުގެ ގޮތުން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަތޮޅުތަކަށް ކުރައްވަމުން ގެންދެވި ދަތުރުފުޅު މެދުކަނޑާލެއްވުމަށްފަހު މާލެ ވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން އަބްދުއްރަހީމް ވަނީ ރައީސް ޔާމީނަށް އެކަމުގައި ޝުކުރު އަދާ ކުރައްވާފައެވެ.

ހުކުރު ދުވަހުރޭގެ ހާދިސާގައި ކެމިކަލް ރައްކާކޮށްފައި ހުރި ހަތަރު ގުދަނަކަށާއި ހަ ގެއެއްގައި އަލިފާން ރޯވެފައިވެއެވެ. މި ހާދިސާގައި އެކަކު ނިޔާވިއިރު މިއީ މިހާތަނަށް މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ.
އެ ހާދިސާއާ ގުޅިގެން ގާތްގަނޑަކަށް 400 އެއްހާ މީހުން ހާލުގައި ޖެހުނު ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ. އަދި އޭގެތެރެއިން 13 އާއިލާ އަކަށް ވަގުތީ ބޯހިޔަވަހިކަން ހަމަޖައްސާދީފައިވާ ކަމަށްވެސް އެ އޮތޯރިޓީން ހާމަކުރެއެވެ.