Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ފަޒީލް ބަންދުކުރަން ނެރުނު އަމުރެއް ހައިކޯޓުން ބާތިލްކޮށްފި

ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލުނު އައިމިނަތު ޝިމާ ނާފިޒުގެ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތުގެ އިނގިލި ދިއްކުރެވުނު އިބްރާހީމް ފަޒީލު ހައްޔަރު ކުރުމަށް ހުޅުމާލެ ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލްކޮށްފިއެވެ.

ފަޒީލް ހައްޔަރުކުރީ މިއަހަރުގެ މެއި މަހުގެ ތެރޭގައި ލ. ގަމުގައި މީހަކު ރަހީނުކޮށްގެން ފޭރުމުގެ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައެވެ. މި މައްސަލާގައި ފުލުހުން އޭރު ބުނީ ފުލުހުން ބުނީ ލ ގަމުގައި 44 އަހަރުގެ މީހެއް ރަހީނުކުރުމަށްފަހު 8،900 ރުފިޔާ ފޭރިގަނެފައިވާ ކަމަށެވެ. އެފަހަރު އޭނާ ދޫކޮށްލީ އިތުރަށް ފައިސާ ދިނުމަށް އެއްބަސްކުރުވުމަށް ފަހު ކަމަށް ފުލުހުން ބުނެއެވެ. އަދި އެގޮތަށް އެތައް ފަހަރަކު އޭނާއަށް ބިރު ދައްކައިގެން ފައިސާ ހޯދާފައިވާ ކަމަށް ފުލުހުން އޭރު ބުންޏެވެ.

އެ މައްސަލާގައި ފުލުހުން ފުރަތަމަ އޭނާ ހޯދަން މަސައްކަތް ކުރީ ގަމު މެޖިސްޓްރޭޓު ކޯޓުން ނެރުނު އަމުރަކަށެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ފިލައިގެން ހުޅުމާލޭގައި އުޅެނިކޮށް ހުޅުމާލެ ކޯޓުން ނެރުނު އަމުރަކަށެވެ.

ފަޒީލް ހައްޔަރުކުރި މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ އިސްތިއުނާފު ކުރީ ހުޅުމާލެ ކޯޓުން ނެރުނު އަމުރަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާއި މުޅިން ހިލާފަށް ނެރުނު އަމުރެއް ކަމަށްބުނެއެވެ.

އެ މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ހައިކޯޓުން ކުރި ބުނެފައި ވަނީ މާލޭ ސަރަހައްދުން ހައްޔަރު ކުރެވޭ މީހުން ބަންދުގެ މުއްދަތު ޖަހަން ގެންދަން ޖެހޭނީ ކްރިމިނަލް ކޯޓަށް ކަމަށް 2016ވަނަ އަހަރުގެ ޖުލައި 7 ގައި ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއެއްގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި ފަޒީލް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމާއި ހަމައަށް ވެސް އެ ނިންމުމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ހައިކޯޓުން ބުނެއެވެ.

ފަޒީލް ބަންދުކުރަން ނެރުނު އަމުރު ބާތިލްކުރީ ބަންދުގެ އަޑުއެހުންތައް ބޭއްވުމުގެ އިހްތިސާސް ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށް ލިބިގެން ނުވާ ދުވަސްވަރެއްގައި ކަަމަށް ބުނެއެވެ.