މިދިޔަ ހުކުރު ދުވަހުގެ ރޭ ހ. ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާގައި އަލިފާންގަނޑު ފެތުރި ގެއްލުން ލިބުނު ހަ ގޭގެ ތެރެއިން ރޭ އަރި އަޅާލި ގެ ތަޅާލަން ނިންމައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ އަރި އަޅާލި އިމާރާތް ތަޅާލުމުގެ މަސައްކަތުގައި މިއަދު ހެނދުނު 9:00އިން ފެށިގެން ސިފައިން ހަރަކާތްތެރިވާނެ ކަމަށެވެ.
އެމްއެންޑީއެފްއިން މީގެކުރިން ބުނީ އަލިފާން ރީވީ ހަތަރު ކެމިކަލް ގުދަނުގައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަލިފާންގަނޑު ކޮންޓްރޯލް ނުވެ، އިތުރަށް ބޮޑުވުމުގެ ސަބަބުން ހަ ގެއަކަށް އަލިފާންގަނޑު ފެތުރު އެ ގެތައް އަނދާ ހުލިވެފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ތިލަފުށީގޭގެ ގުދަނުގައި ހިނގި އަލިފާންގެ ހާދިސާ އަކީ މިހާތަނަށް މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ. މި ހާދިސާގައި އެކަކު މަރުވެ ހަ އިމާރާތާއި ހަތަރު ގުދަން ވަނީ އަނދައިގެން ގޮސްފައެވެ. އަދި 400 އަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.
ހާދިސާ ހިނގި ސަރަހައްދު ސިފައިންނާއި ފުލުހުން ސާފު ކުރަމުން އަންނަ އިރު އަދިވެސް މި ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.