ސަރުކާރުން މަޖިލީހަށް ހުަށަހޅާފައިވާ ޓެރަރިޒަމްގެ ބިލާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މުއައްސަސާތަކުގެ ވެރިން ގައުމީ ސަލާމަތު ކޮމެޓީއަށް މިރޭ ހާޒިރުކުރަން ނިންމައިފިއެވެ.
މިރޭ 20:00ށް ތާވަލުކޮށްފައިވާ ކޮމިޓީ ބައްދަލުވުމަށް އެޓާނީ ޖެނެރަލްގެ އޮފީހާއި، އެމްއެންޑީއެފް، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ހޯމް މިނިސްޓްރީގެ ބޭފުޅުން ހާޒިރުކުރަން ވަނީ ނިންމައިފައެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް ހުށައަޅުއްވާފައިވާ ޓެރަރިޒަމް މަނާ ކުރުމުގެ ގާނުނަށް އިސްލާހު ގެނައުމުގެ ބިލުގެ ބައެއް އިސްލާހުތަކާ މެދު އާންމުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މިހާރު ގާނޫނުގައި އޮތް ގޮތަށް ވުރެ ފުޅާކޮށް ޓެރަރިޒަމް މާނަކޮށްފައިވެއެވެ.
އެގޮތުން ޓެރަރިސްޓު ޖަމާއަތެއްގެ މެމްބަރު ކަމަށް ނުވަތަ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރާ މީހެއް ކަން ދޭހަވާ ފަދަ އަންނައުނެއް އާންމު ތަނެއްގައި ލުމަކީ ވެސް ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. މި ކުށް ކުރާ މީހެއްގެ އަދަބަކީ ތިން އަހަރާއި ފަސް އަހާރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް ބިލްގައި ވަނީ ބުނެފަ އެވެ.
މީގެއިތުރުން މި ބިލުގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދިނުމަށް ވެސް ހިމަނާފައިވާއިރު، ބައެއް ފަރާތްތަކުން އަންނަނީ ފުލުހުންގެ މުއައްސަސާގެ އިތުބާރު އާންމުންގެ މެދުގައި ކުޑަވެފައިވާ ދަނޑިވަޅެއްގައި ބޮޑެތި ބާރުތަކެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނަމުންނެވެ.