Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

އދގެ އިސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު މިރޭ ތަގުރީރު ކުރައްވާނެ

މިއަދު ފަށާ އދގެ މެމްބަރު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ތަގުރީރުކުރައްވާނެއެވެ.

ރައީސް ސޯލިހު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޑިބޭޓުގެ ފުރަތަމަ ދަންފަޅީގައެވެ. ރައީސް ތަގުރީރު ކުރައްވާނީ ހަވަނައަށެވެ. މި ޑިބޭޓު ފެށޭނީ ރާއްޖެގަޑިން 6:00ގައެވެ. އދގެ އާންމު ބަހުސްގެ އެޖެންޑާ ރޭވިފައިވާ ގޮތަށް ބަލާއިރު އެންމެ ފުރަތަމަ ވާހަކަ ދައްކާނީ ބްރެޒިލުންނެވެ. އާންމު ބަހުސްގައި ފުރަތަމަ ތަގުރީރުކުރުމުގެ ޝަރަފު ބްރެޒީލްއަށް އޮންނަތާ އަހަރުތަކެއްވެއްޖެއެވެ. އެއީ އދގެ އާންމު ބަހުސް ފެށިގެން އައި ދުވަސްވަރު، ބްރެޒީލް ފިޔަވާ އެހެން ގައުމަކުން ފުރަތަމަ ވާހަކަ ދެއްކުމަށް އިސްނަގާފައި ނުވާތީ ބްރެޒީލްއަށް ދީފައިވާ ޝަރަފެކެވެ. ބްރެޒީލްއަށްފަހު މި ދަންފަޅީގައި ދެން ތަގުރީރުކުރާނި ބައްދަލުވުން ހޮސްޓްކުރާ ގައުމުގެ ހައިސިއްޔަތުން އެމެރިކާއެވެ.

ކޮންމެ ގައުމަކަށްވެސް 15 މިނެޓްގެ ވަގުތުކޮޅެއް މި ބަހުސްގައި ލިބޭއިރު، އެއަށްވުރެ އިތުރަށް ވަގުތު ބޭނުންކުރުމުގެ ފުރުސަތުވެސް އޮވެއެވެ.

މިއަދު ފަށާ އދގެ މެމްބަރު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ އާންމު ބަހުސްގައި ރައީސް ސޯލިހު ތަގުރީރުކުރައްވާއިރު، މިއީ ފާއިތުވީ 7 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ފަރާތުން ގައުމުގެ އެންމެ އިސްވެރިޔާ މި ޕޯޑިއަމްގައި ތަގުރީރުކުރައްވާ ފުރަތަމަ ފަހަރެވެ.