Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ތޯމަސް ކުކްއިން ރާއްޖެއައި ފަތުރުވެރިންނަށް ދިވެހި ސަރުކާރުން އެހީވަނީ

އިނގިރޭސިވިލާތުގެ ޓްރެވަލް ކުންފުނި ތޯމަސް ކުކް ބަނގުރޫޓުވެ ކުންފުނީގެ ވިޔަފާރި ހުއްޓާލުމާއެކު އެ ކުންފުނި މެދުވެރިކޮށް ރާއްޖެ އައިސް ތިބި ފަތުރުވެރިންނަށް އަނބުރާ ގައުމަށް ފޮނުވާލުމަށް ދިވެހި ސަރުކާރުން އެހީވާން ފަށައިފިއެވެ.

ކުންފުނީގެ އޮޕަރޭޝަންތައް ހުއްޓާލުމާގުޅިގެން ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީ އާއި ފަތުުރުވެރިކަން ޕްރޮމޯޓު ކުރުމަށް ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ނެރުނު ބަޔާނެއްގައި ބުނީ ތޯމަސް ކުކް އިން ރާއްޖެ އައިސް ތިބި ފަތުރުވެރިންނަށް ދިމާވެދާނެ ދަތިތައް ހައްލު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ ގުޅިގެން މިފަތުރުވެރިންނަށް ހާއްސަ ހެލްޕް ޑެސްކެއްވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ވަނީ ބަހައްޓައިފަ އެވެ.

ތޯމަސް ކުކް އާއެކު ރާއްޖެ އައިސް ތިބީ ކިތައް ފަތުރުވެރިންތޯ މިހާރު ބަލާފައިވާ ކަމަށާއި އެ ފަތުރުވެރިން ނިސްބަތްވާ ގައުމުތަކަކީ ކޮބައޮތޯ ބަލައި، ފަތުރުވެރިން އަނބުރާ ގައުމަށް ދިޔުމުގައި ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ސަރުކާރުން ދޭނެކަމުގެ ޔަގީންކަން އެ ބަޔާނުގައި ދީފައިވެ އެވެ.

ތޯމަސް ކުކް ބަނގުރޫޓުވެ، އެތައް ހާސް މީހުންގެ ދަތުރުތަކުގެ ބުކިންސް ކެންސަލްކޮށްފައިވާއިރު އެ ކުންފުންޏަށް ވަނީ ދެ ބިލިއަން ޑޮލަރުގެ ދަރަންޏާ ކުރިމަތިވެފަ އެވެ.