Last Updated: July 28, 17:20
Tuesday, July 28, 2026
ޚަބަރު

މަސައްކަތުގެ ސިއްރުކަން ހިފަހައްޓަންޖެހޭ ގޮތަށް މަރު ކޮމިޝަން ގަވާއިދު ހަދައިފި

މަރުތައް ބަލާ ކޮމިޝަނުގެ މެމްބަރުން ކޮމިޓީގައި - ފޮޓޯ: މަޖިލިސް

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ރިޔާސީ ކޮމިޝަނުގެ މެންބަރުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި އެހެން ފަރާތްތަކަށް އެ މައުލޫމާތު ހާމަނުކުރެވޭނެ ކަމަށް ކަނޑައަޅައިފިއެވެ.

މިގޮތަށް ކަނޑައަޅާފައި ވަނީ މަރު ކޮމިޝަނުގެ ހިންގާ ގަވާއިދުގައެވެ. އިއްޔެ ގެޒެޓު ކޮށްފައިވާ އެ ގަވާއިދުގައި ބުނެފައިވަނީ ކޮމިޝަނުގެ މެންބަރުންނަކީ މުހިންމު މަސްއޫލިއްޔަތުތަކާއި ޒިންމާތަކެއް އަދާކުރާ ބަޔަކަށް ވީހިނދު، އެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކަށް ފުށުއަރާފާނެ، ނުވަތަ އަސަރުކޮށްފާނެ، އިތުރު
އެއްވެސް މަސައްކަތެއް މެންބަރަކު ކޮށްގެން ނުވާނެ ކަމަށެވެ.

ދެ އެ ގަވާއިދުގައި ވަނީ ކޮމިޝަނުން ކުރާ މަސައްކަތްތަކާއި ކޮމިޝަންގެ ރައީސްގެ މަސްއޫލިއްޔަތާއި ބައްދަލުވުންތައް ބާއްވަން ޖެހޭނެ ގޮތުގެ ވާހަކައެވެ. އެގޮތުން ކޮމިޝަންގެ ބައްދަލުވުންތަކުގެ ރިޔާސަތު ކޮމިޝަންގެ ރައީސް ބަލަހައްޓަން ވާނެ ކަމަށް ބުނެފައިވެއެވެ. ކޮމިޝަންގެ ރައީސަށް ހާޒިރުނުވެވޭ ނަމަ މެންބަރުން ކަނޑައަޅާ ބޭފުޅަކު ރިޔާސަތު ބަލަހައްޓަން ވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި އެހެން ފަރާތްތަކަށް ކޮމިޝަންގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާ ކޮށްގެން ނުވާނެ ކަމަށް މަރު ކޮމިޝަންގެ ގަވާއިދުގައި ބުނެފައިވާއިރު، މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ތަހުގީގު ރިޕޯޓު މަރު ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަރުވާފައެވެ. އަދި މަޖިލީހުގެ ރައީސް ވަނީ ޕާލިމަންޓްރީ ގްރޫޕްތަކުގެ ލީޑަރުންނަށް އެ ރިޕޯޓު ހިއްސާ ކުރައްވާފައެވެ.

އެކަމާއި ގުޅޭގޮތުން ނޫސްވެރިން ރައީސް ސޯލިހާއި ސުވާލު ކުރުމުން ރައީސް ވިދާޅުވީ "މަޖިލީހުން ކުރާ މަސައްކަތްތަކަކާއި އަޅުގަނޑު ނުބެހޭނަން" މިހެނެވެ.