Last Updated: July 28, 17:20
Tuesday, July 28, 2026
ޚަބަރު

ދަރަނީގެ ތެރެއިން 1.5 ބިލިއަން ރުފިޔާއަކީ އިންޑިޔާގެ ހިލޭ އެހީ: މިނިސްޓަރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު:-- ފޮޓޯ: ޓްވިޓާ (އިލެކްޝަންސް ކޮމިޝަން)

ދައުލަތުގެ ދަރަނީގެ ތެރެއިން 1.5 ބިލިއަން ރުފިޔާއަކީ އިންޑިޔާ ސަރުކާރުގެ ހިލޭ އެހީ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ދަރަނި މީގެ ކުރިން ނުދާ މިންވަރަށް މިއަހަރު ވަނީ ދަށަށް ގޮސްފައެވެ. މާލީ ތަފާސް ހިސާބު ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު 50.9 ބިލިއަން ރުފިޔާއަށް ދަރަނި ވަނީ އަރާފައެވެ.

މިނިސްޓަރު އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 1.9 ބިލިއަން ރުފިޔާގެ އެތެރޭގެ ދަރަނީގެ ތެރެއިން 1.5 ބިލިއަން ރުފިޔާއަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީ ކަމަށެވެ. މިހާރު ދަރަނީގެ ގޮތުގައި އެ އަދަދު ރިކޯޑް ކުރެވިފައިވީނަމަވެސް, މެޗުއަރިޓީގައި މި އަންނަ އަހަރު 1.5ބިލިއަން ހިލާއެހީއެއްގެ ގޮތުގައި ރިކޯޑްކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެތެރޭގެ ދަރަނީގެ ބޮޑު ހިއްސާ އަކީ ސަރުކާރުން ވިއްކާފައިވާ ޓީބިލާއި ބޮންޑެވެ. އެގޮތުން މިދިއަ ހަ މަސް ދުވަހު 1.9 ބިލިއަން ރުފިޔާގެ ޓީބިލާއި ބޮންޑު ވިއްކައިގެން ސަރުކާރަށް ފައިސާ ހޯދާފައިވެ އެވެ. އޭގެ ތެރެއިން ކޮމާޝަލް ބޭންކްތަކަށް ވިއްކި ވަރު 1.1 ބިލިއަން ރުފިޔާ އަށް އަރާ އިރު މާލީ އެހެން އިދާރާތަކަށް ވިއްކި ޓީބިލާއި ބޮންޑުގެ އަދަދު އުޅެނީ 819 މިލިއަން ރުފިޔާގަ އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ޓީ-ބިލުގެ ގޮތުގައި ޖޫންމަހާއި ހަމަޔަށް 325 މިލިއަން ރުފިޔާ ރިކޯޑް ކޮށްފަވާނެ ކަމަށެވެ. އިތުރުވެފައިވާ ދަރަނީގައި ޓީ-ބިލުގެ އިތުރުން ލޯނުން ހިންގާ މަޝްރޫޢުތަކުގެ ޑިސްބާޒްމަންޓްތައްވެސް ހިމެނޭ ކަމަށް މިނިސްޓަރު އަމީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. މިއަހަރުގެ މިހާތަނަށް އިންޑިއާ ސަރުކާރުގެ އެހީ ފިޔަވައި ޓީ-ބިލްސް އިތުރުވެފައިވަނީ ‘އޯވަ-ސަބްރައިބް” ކުރުމުގެ ސަބަބުން ކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ފާއިތުވެދިޔަ ހަމަސް ދުވަހު ތެރޭ ބޭރުގެ ލޯނުގެ މިންވަރު ވަނީ 733.5 މިލިއަނަށް އަރާފައެވެ. މީގެ އިތުރުން ދައުލަތަށް ފައިސާ ހޯދުމަށް ކޮމާޝަލް ބެންކުތަކަށް 1.1 ބިލިއަން ރުފިޔާގެ ބޮންޑު ވަނީ ވިއްކާފައެވެ.

ކުރީ ސަރުކާރުގައި ހިންގި މަޝްރޫއުތަކުގެ ސަބަބުން ރާއްޖެ ވަނީ ޗައިނާ ސަރުކާރަށް ވަރަށް ބޮޑަށް ދަރާފައެވެ. ސިނަމާލެ ބްރިޖު ތަރައްގީ ކުރުމަށް ވެސް ޗައިނާއިން ބޮޑެތި ލޯނު ނަގާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ލޯނުތައް ކުޑަ ކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް މިހާތަނަށް އެމަނިކުފާނު ކުރެއްވި މަސައްކަތް ނާކާމިޔާބުވެ ޗައިނާއާއި ނަޝީދާ ދެމެދު ވަނީ ނުތަނަވަސްކަމެއް އުފެދިފައެވެ.

ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މިސަރުކާރުން ވެސް ވަނީ އިންޑިޔާގެ އެކްޒިމް ބޭންކާއި އިތުރު ބޭންކުތަކުން ލޯނު ނެގުމަށް ނިންމާފައެވެ.