ރާއްޖެ އާއި ބަހްރެއިންއާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ އެއާ ސާވިސް އެއްބަސްވުމާ ގުޅޭ ގޮތުން ދެގައުމުން މަޝްވަރާކޮށްފި އެވެ.
އެ ބައްދަލުވުން ކުރިއަށް ދިޔައީ އެމެރިކާގެ ނިއު ޔޯކުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބަހްރެއިންގެ ފޮރިން މިނިސްޓަރު ހާލިދު ބުން އަހްމަދު އަލް ހަލީފާ އާ ދެމެދު އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ މެދުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ އެއާ ސަވިސް އެގްރިމެންޓާއި ގުޅޭ ގޮތުންނާއި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.
މި ބައްދަލުކުރެއްވުމުގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ ޝާހިދު ވަނީ ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖޮން ކްރެޓިއެންއާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލު ކުރެއްވުން އޮތީ ނިއުޔޯކްގައި މިހާރު ކުރިއަދާ އދގެ 74 ވަނަ އާއްމު މަޖިލީހުގެ ހަވާސާގައެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމާއި، ވިޔަފާރިއާއި ތައުލީމީ ދާއިރާއިން ދިވެހިރާއްޖެއާއި ކެނެޑާގެ ގުޅުން ބަދަހިކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރު ޝާހިދު ވަނީ ރޭ ބޭއްވި ކްލައިމެޓް އެކްޝަން ސަމިޓްގައި ރައީސް ސޯލިހްގެ އަރިހުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ޔުނިވަރސަލް ހެލްތު ކަވަރޭޖާއި ގުޅޭ މަތީ ފަންތީގެ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލްކުރެއްވީވެސް މިނިސްޓަރު ޝާހިދެވެ. މިއީވެސް އދގެ އާއްމު މަޖިލީހުގެ ހަވާސާގައި ކުރިއަށް ދިޔަ ބައްދަލުވުމެކެވެ.