Last Updated: July 28, 17:20
Tuesday, July 28, 2026
ޚަބަރު

ދައުލަތުން ހަމަޖެއްސި ވަކީލު ހާޒިރު ނުވާތީ މަރުގެ މައްސަލައަކަށް މަޑުޖެހުމެއް

ސަމާހު ---

ޑިއުޓީއަށް ދަނިކޮށް މަރާލި ޕޮލިސް ސާޖެންޓް އަދާމް ހަލީމްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލި ކ. ކާށިދޫ ސުވާސާގޭ މުހައްމަދު ސަމާހުގެ މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މަރުހަލާގައި ދައުލަތުގެ ފަރާތުން ސަމާހަށް ހަމަޖެއްސި ވަކީލް ހާޒިރުނުވުމުން މައްސަލަ ކުރިއަށް ނުގެންދެވި މަޑު ޖެހިއްޖެ އެވެ.

ކްރިމިނަލް ކޯޓުން ސަމާހުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވާ ކަމަށް ނިންމާ އޭނާ މެރުމަށް ހުކުމް ކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު އެވެ.

ހައިކޯޓުގައި އިސްތިއުނާފުގެ އަޑުއެހުންތައް ފަށާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ހައިކޯޓުގައި ސަމާހު ބުނެފައިވަނީ އޭނާއަކީ ވަކީލަކު ހަމަޖެއްސުމުގެ ތަނަވަސްކަން ނެތް މީހެއް ކަމުން އޭނާ ވަނީ ވަކީލަކު ހަމަޖެއްސުމަށް އެދޭ ކަމަށެވެ. އަދި ދައުލަތުން ވަނީ ބަންޑާރަ ނާއިބުގެ އޮފީހުން ވަކީލަކު ހަމަޖައްސައި ދީފަ އެވެ. ސަމާހަށް ހަމަޖެއްސި އެ ވަކީލު ފުރަތަމަ އަޑުއެހުމަށް ވަޑައިގަތެވެ. ނަމަވެސް ދެވަނަ އަޑުއެހުމަށް ޗިޓު ހަވާލު ކުރެވިފައެއް ނުވެއެވެ. އަދި ހައިކޯޓުން ގުޅުމުން ފޯނަށް ޖަވާބުވެސް ނުދެއްވައެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވާހަކަދެއްކެވި އިސް ގާޒީ ވިދާޅުވީ މި ދުވަސްވަރަކީ ކޯޓުތަކުގައި މައްސަލަތައް ލަސްވާ ކަމަށް ބުނެ ވާހަކަތައް ވެސް ދެކެވެމުން އަންނަ ދުވަސްވަރެއް ކަމަށެވެ. އަދި ވިދާޅުވީ ދައުލަތުން ހަމަޖެއްސި ވަކީލެއްގެ ސަބަބުން މައްސަލަ ލަސްވާ ސަބަބު ވެސް ބައްލަވާނެ ކަމަށެވެ. އަދި އެކަން އޭޖީ އޮފީހުން ވެސް ބަލާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރީވެސް ދައުލަތުގެ ފަރާތުންނެވެ. އެއީ މަރުގެ މައްސަލައެއް ކަމުން މި މައްސަލާގައި ނިހާއީ ހުކުމެއް ކަނޑައަޅައި ދިނުމަށް އެދި އެވެ.