Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

"ހައު ޑެއަރ ޔޫ!" ދުނިޔޭގެ ލީޑަރުންނައް ގްރެޓާ ތުންބާރގް ގެ ހޫނު ހަމަލާ!

"ތިމީހުން ކުރާ ކަންތައް އަހަރެމެން ބަލާނަން" ދުނިޔޭގެ ލީޑަރުންނައް ބުނެލަން އޮތީ ކީކޭތޯ ސުވާލުކޮށްލުމުން ގްރެޓާ ތުންބަރގް ދިނީ އިންޒާރެކެވެ. ޔޫއެން ގެ ކްލައިމެޓް ސަމިޓްގައި ދުނިޔޭގެ ލީޑަރުންނާއި މުޚާތަބު ކުރަމުން ގްރެޓާ ދެއްކި ވާހަކަ ވަރަށްވެސް ބާރުގަދައެވެ. މުޅި ދުނިޔެއަށް ގްރެޓާ ދެއްކި ވާހަކަ ވަނީ މަޝްހޫރުވެފައެވެ. މިއީ ގްރެޓާގެ ވާހަކައިގެ ތަރުޖަމާއެކެވެ.

"މިއީ މުޅިން ގޯސް. އަހަރެން މިތާ ހުރެގެން ނުވާނެ. އަހަރެން ހުންނަންޖެހެނީ ކަނޑުގެ އަނެއް ފަޅީގައި ހުރި ސްކޫލްގަ. އެކަމަކުވެސް ތި އެންމެން އަންނަނީ އަހަރެމެން ޒުވާނުން (އަދި ކުޑަކުދިން) ކައިރިއަށް އުންމީދު ހޯދަން! ތިމީހުންގެ ކޮން ހައްޤެއް އޮތީ؟!

ތިމީހުން ވަނީ އަހަރެންގެ ހުވަފެންތައް ނިގުޅައިގެންފަ! އަދި ތިމީހުންގެ ހުސް ވާހަކަތަކުން އަހަރެންގެ މައުސޫމުކަން (ކުޑަކުއްޖެއްކަން) ނިގުޅައިގެންފަ! އެހެނަސް އަހަރެންނަކީ ނަސީބު ގަދަ މީހުންގެ ތެރެއިން މީހެއް.

މީހުން ހާލުގަ އެބަތިބި. މީހުން ދަނީ މަރުވަމުން! މުޅި އީކޯސިސްޓަމްތައް ދަނީ ހަލާކުވެ، ނެތެމުން! އަހަރެމެން މިތިބީ މުޅި ނަސްލެއް ނެތި ދިޔުމުގެ ފެށުމުގަ! އެކަމަކުވެސް ތިމީހުންނައް ހަމައެކަނި ދެއްކޭހާވެސް ވާހަކައަކީ ފައިސާގެ ވާހަކަ! އަދި އަބަދުގެ އަބަދައް ދެމިގެންވާ އިޤްތިޞާދީ ކުރިއެރުމުގެ ޚިޔާލީ ވާހަކަތައް! ތިމީހުންގެ ކޮން ހައްޤެއް އޮތީ؟!

30 އަހަރެއްހާ ދުވަސް ވަންދެން ސައިންސުން ވަރަށް ސަރީހަކޮށް ފެންނަން އެބައޮތް. ދުރު ބަލަހައްޓައިގެން ތިބެން ތިމީހުންގެ ކޮންޤެއް އޮތީ؟! ސިޔާސަތުތަކާއި ހައްލުތައް ލޮލަށް ފެންނަންވެސް ނެތް އިރު، މިތަނައް އައިސް ތިމަންނަމެން ކުރާ ކަންތައްތަކުން ފުދޭނެއޭ ބުނާއިރު؟!

އަހަރެމެންގެ ވާހަކަތައް އަޑުއިވެއޭ ތިމީހުން ބުނަނީ. އަދި އަވަހަށް އަމަލު ކުރަންޖެހޭކަމުގެ ބޭނުން ވިސްނޭކަމައް ތިމީހުން ބުނަނީ. އެކަމަކު އަހަރެން ކިތަންމެ ހިތާމަ ކުރިއަސް، އަދި ކިތަންމެ ރުޅިއައިސްފައި ހުރިކަމުގައިވިޔަސް، އަހަރެން (ތިވާހަކަތައް) ޤަބޫލުކުރާކަށް ބޭނުމެއް ނޫން!

ތިމީހުންނައް ޙަޤީޤަތުގައިވެސް މިކަންތައް ވިސްނޭނަމަ، ތިމީހުން ހައްލެއް ހޯދުމަށް ނުކުޅެދޭކަމުން ދޭހަވާނީ ތިމީހުންގެ ހުރި ނުބައިކަން! އެހެންކަމުން އެކަން އަހަރެން ޤަބޫލުކުރާކަށް ބޭނުމެއް ނޫން.

އާންމުކޮށް ބުނެވޭ، ދުނިޔެއަށް ދޫކުރެވޭ ވިހަ ގޭސްތައް 10 އަހަރު ތެރޭގައި ބައިކުޅަ ބަޔަށް މަދުކުމުގެ ޚިޔާލާއި އެއްގޮތަށް އަމަލު ކުރުމުންވެސް، 1.5 ޑިގްރީ ސެލްސިއަސް އަށްވުރެ މައްޗަށް ނުގޮސް، އަދި އިއާދަ ނުކުރެވޭ ފަދަ ބޮޑެތި ބަދަލުތަކެއް (ދުނިޔެއަށް) އައުން ހުއްޓޭނެ ކަމުގެ އޮތީ އެންމެ %50 ޔަޤީންކަމެއް. %50 އަކީ ތިމީހުންނައް ބަލައިގަނެވޭ މިންވަރަކަށް ވެދާނެ.

އެކަމަކު މި އަދަދުތަކަކީ ޓިޕިންގ ޕޮއިންޓްތަކާއި، ގިނަ ފީޑްބެކް ލޫޕްތަކުގެ އިތުރުން ވިހަގަދަ ގޭސްތައް ވަޔާއި ޖައްވުގެ ތެރޭގައި ހުރެގެން ދުނިޔެ ހޫނުވުމަށް މެދުވެރިވާ މެދުވެރިވުމާއި، އެކުއިޓީ އާއި ކްލައިމެޓް ޖަސްޓިސް ހިމެނޭގޮތަށް ހުރި އަދަދުތަކެއް ނޫން. އަދި (މި އަދަދުތައް) ބިނާވެގެންވަނީ އަހަރެމެންގެ ޖީލު ތިމީހުންގެ ޖީލުގެ އެތައް ސަތޭކަ ބިލިއަން ޓަނުގެ ކާބަންޑައިއޮކްސައިޑް އަދި ރަނގަޅަށް އީޖާދު ނުކުރެވޭ ޓެކްނޮލޮޖީގެ ބޭނުންކޮށްގެ ވައިގެ ތެރެއިން ދަމައިގަތުމުގެ މައްޗަށް! އެހެންކަމުން %50 ގެ އުންމީދަކީ އަހަރެމެންނަށް – އެކަމުގެ ނަތީޖާތަކާ ކުރިމަތިލާން ޖެހޭނެ ޖީލުތަކަށް، ބަލައިގަނެވޭނެ ކަމެއް ނޫން!

އައިޕީސީސީ އިން ބުނާގޮތުން 1.5 ޑިގްރީސެލްސިއަސް އަށްވުރެ މައްޗަށް ދުނިޔޭގެ ހޫނުމިން މައްޗަށް ނުގޮސް އޮތުމުގެ ފުރުސަތަކީ %67 އެވެ – މިއީ ލިބިފައިވާ އެންމެ އުންމީދީ އަދު. 2018 ވަނަ އަހަރުގެ ޖެނުއަރީ އެކެއްގައި ދުނިޔެއަށް (ރައްކާތެރި ކަމާއެކު) ބޭރުކުރެވެން އޮތީ (ޖުމްލަ) 420 ގިގަޓަނުގެ ކާބަންޑައިއޮކްސައިޑް. މިއަދު އެއަދަދު ވަނީ 350 ގިގަޓަނަށް މަދުވެފަ.

އާދައިގެ މަތިން ވިޔަފާރިންނާއި ޓެކްނިކަލް ހައްލުތަކަކުން މިކަން އެއްކޮށް ހައްލުކުރެވޭނެކަމަށް ހެދިގެން ތިބުމުގެ ކޮން ޙައްޤެއް ތިމީހުންނައް އޮތީ؟ މިއަދު ވިހަގޭސްތައް ޖައްވަށް ބޭރުކުރެވޭ މިންވަރުން، ބާކީ ހުރި ކާބަންޑައިއޮކްސައިޑްގެ ބަޖެޓް (350 ގިގަޓަން) 8 އަހަރާއި 6 މަހަށްވުރެ ކުރިން އެއްކޮށް ހުސްވެގެންދާނެ!

މި އަދަދުތަކަށް ރިއާޔަތްކޮށް އެއްވެސް ހައްލެއް އަދި ޕްލޭނެއްވެސް މިއަދު މިތާނގައި ހުށަނާޅާނެ. ސަބަބަކީ މިއަދަދުތަކަކީ ތިމީހުންނަށް ބަލައިގަންނަން އުނދަގޫ އަދަދުތަކަކަށްވުން. އަދި ތިމީހުން އަދިވެސް ހަޤީޤަތް އޮތްގޮތަށް ވާހަކަދައްކާހާ ބޮޑެއްޗެއް ނުވޭ.

ތިމީހުން އަހަރެމެން ކުރިމަތީގައި ފެއިލްވަނީ. އެކަމަކު ޒުވާނުންނަށް މިއަދު ތިމީހުންގެ ބޭވަފާތެރިކަން އެބަ ވިސްނޭ! ކުރިއަށް އޮތް ހުރިހާ ޖީލުތަކުގެ ލޯ މިއަދު ވަނީ ތިމީހުންނަށް އަމާޒުވެފަ! އަދި ތިމީހުން ޤަސްދުގައި އަހަރެމެންނަށް ބޭވަފާތެރިވަނީނަމަ، އަހަރެން ބުނަން އޮތީ ތިމީހުންނަށް ދުވަހަކުވެސް މާފެއް ނެތޭ!

އަހަރެމެން، މިކަމުން ތިމީހުންނަށް ސަލާމަތް ވެވުނަނުދޭނަން. މިހާ ހިސާބުން، މިވަގުތުން ފެށިގެން، މިއީ އަހަރެމެން ރޮނގު ދަމާލާ ހިސާބު ( ތިމީހުންގެ އަމަލުތައް ބަލައިގަތުން ހުއްޓާލާ ހިސާބު). ދުނިޔެ އަންނަނީ ހޭލަމުން! ބަދަލު އެބަ އާދޭ! ތިމީހުން ބޭނުންވިއަސް، ނުވިއަސް!

އުމުރުން އެންމެ 16 އަހަރުގައި ޔޫއެންގެ ކްލައިމެޓް ސަމިޓްގައި ގްރެޓާ ތުންބަރގް ދެއްކި ވާހަކަތަކަކީ ހަމައެކަނި ދުނިޔޭގެ ލީޑަރުން ވިސްނަންޖެހޭ ކަންތައްތަކެއް ނޫނެވެ. އެއީ އަހަރެމެންގެ މިނިސްޓަރުންނާއި، މަޖިލިސް މެމްބަރުންނާއި، ވިޔަފާރިވެރިންނާއި، އަދި ލޯކަލް ކައުންސިލްތަކުގައި ތިބި މީހުންވެސް ވިސްނަން ޖެހޭ ކަމެކެވެ. ތަރައްޤީގެ ނަމުގައި ބޮޑެތި ޕްރޮޖެކްޓުތައް ހިންގަމުންދާއިރު، ތިމާމެންނަށް ލިބޭނެ ވަގުތީ ނަފާއަށްވުރެ ބޮޑަށް، އަންނަން އޮތް ޖީލުތަކުން ނިގުޅައިގަނެވޭ ކުރިމަގާމެދު ވިސްނަން މިއަދު އެންމެންނަށްވެސް މިވަނީ ޖެހިފައެވެ.