Last Updated: May 4, 23:07
Sunday, May 5, 2024
ޚަބަރު

އުތުރު ޒުވާނުންގެ ސުވާލު ސޯބެއަށް: 45 ދުވަހުން ދަނޑު ނުނިމުނީ ކީއްވެ؟

ހިތަދޫ ސްކޫލް ކުރިމަތީގައި ހަދަން ފަށާފައިވާ ޓާފް ދަނޑުގެ މަސައްކަތް ނުނިމި ދިގުލައިގެންދާތީ އެ ދާއިރާގެ ޒުވާނުން ހިތަދޫ އުތުރު ދާއިރާގެ ކައުންސިލަރު އަދި މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ)އަށް ބޮޑު ސުވާލެއް ކުރިމަތިކޮށްފިއެވެ.

ހިތަދޫ އުތުރު ދާއިރާއަށް ނިސްބަތްވާ ޒުވާނުންގެ ފަރާތުން ޒެފިއާ ޖަމިއްޔާގެ ފޭސްބުކްގައި ބުނެފައިވަނީ 45 ދުވަހުން ނިންމަން ހަވާލު ކުރި އެ ޓާފް ދަނޑުގެ މަސައްކަތް ހުއްޓިފައިވާ ސަބަބާއި ގުޅޭގޮތުން ޖަވާބުދާރީވުމަށެވެ.

އެ ޖަމިއްޔާއިން ބުނީ ޓްރިޕްލް 8 ނަމަކަށް ކިޔާ ކުންފުންޏަކާއި ހަވާލުކޮށްފައިވާ ޓާފް ދަނޑުގެ މަސައްކަތް މިދިޔަ އޮގަސްޓު މަހުގެ 8 ވަނަ ދުވަހު ނިންމަން ޖެހޭ ކަމަށެވެ. ނަމަވެސް މަސައްކަތް އެ ތާރީހަށް ނުނިމޭއިރު އެކަން ހުއްޓިފައިވަނީ ކޮން ސަބަބަކާއި ގުޅިގެންކަން ރައްޔިތުންނަށް ހާއްސަކޮށް ޒުވާނުންނަށް ސާފުކޮށްދެއްވަން ޖެހޭ ކަމަށެވެ.

އައްޑޫގެ އެކި އަވަށްތަކުގައި އެޅުމަށް ރައީސް ޔާމީންގެ ވެރިކަމުގައި ގެނައި ޓާފްތައް އަދިވެސް އަޅައި ނުނިމެއެވެ. މިހާރު އެޓާފްތައް އެެޅުން ވަނީ ކައުންސިލާއި ހަވާލު ކުރެވިފައެވެ. ނަމަވެސް އެކަން ކުރިއަކަށް ނުދެއެވެ.

އެނގިފައިވާ ގޮތުގައި ކައުންސިލްގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވާ ޓާފް ތަކުގެ ތެރެއިން ބައެއް ޓާފް ކައުންސިލުން ވަނީ އެމްއެންޑީއެފްއަށް ދީފައެވެ.

އެމްއެެންޑީއެފްއަށް ކައުންސިލުން ދިން ޓާފެއްގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާގައި މިހާރުވެސް ކުރިއަށް އެބަދެއެވެ.