ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ފައިސާގެ އެހީވުމަށް ހުޅުވާލި ފުރުސަތުގައި އިއްޔެގެ ހަވީރު ހަތަރެއް ޖެހުމާއި ހަމައަށް އެއްލައްކައަށް ވުރެ ގިނަ ރުފިޔާ މިހާތަނަށް ލިބިއްޖެއެވެ.
"އައްޑޫލައިވް"އާ ވާހަކަދައްކަވަމުން ޑިޒާސްޓާ މެނޭޖްމަންޓްގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އިއްޔެގެ ހަވީރު 4:00އާ ހަމައަށް 1،58505.25 ރުފިޔާ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ހުޅުވާލި ފަންޑަށް ލިބިފައިވާ ކަމަށެވެ.
ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ޑިޒާސްޓާއިން ވަނީ ހާއްސަ އެކައުންޓެއް ހުޅުވާފައެވެ. އެ އެކައުންޓު ނަންބަރަކީ 7730000284246 (MVR) މިއެވެ. ފައިސާ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން އެ އެކައުންޓަށް ފައިސާ ޖަމާކުރުމަށް ޑިޒާސްޓާއިން ވަނީ އެދިފައެވެ.
އަލިފާނުގެ ހާދިސާގައި ގެއްލުންވި މީހުންނަށް އެހީވުމަށް ބީއެމްއެލްގައި އެކައުންޓެއް ހުޅުވާފައިވާއިރު ކަލާފާނު ސްކޫލްގައި ގާއިމުކުރި ރިލީފް ސެންޓަރަށް ވެސް އާންމުން ވަނީ ބޮޑު އެހީތެރިކަން ދީފައެވެ. އެގޮތުން ކެއިންބުއިމަށް ބޭނުންވާ ތަކެއްޗާއި ގޮދަޑި ފަދަ ގިނަ އަދަދެއްގެ ސާމާނު ހަދިޔާކޮށްފައިވެއެވެ.
ރިލީފް ސެންޓަރު ގާއިމުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް އެންޑީއެމްއޭ އިން ވަނީ މިވަގުތަށް ބޭނުންވާ ވަރަށް ތަކެތި ލިބިފައިވާ ކަމަށާއި އިތުރަށް ތަކެތި ބޭނުންވާ ނަމަ އިއުލާން ކުރާނެ ކަމަށް ބުނެފައެވެ.
ހުކުރު ދުވަހުގެރޭގެ ހާދިސާގައި ކެމިކަލް ރައްކާކޮށްފައި ހުރި ހަތަރު ގުދަނަކަށާއި ހަ ގެއެއްގައި އަލިފާން ރޯވެފައިވެއެވެ. މި ހާދިސާގައި އެކަކު ނިޔާވިއިރު މިއީ މިހާތަނަށް މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ.