Last Updated: July 28, 17:20
Tuesday, July 28, 2026
ޚަބަރު

ސަރުކާރާއި ނަޝީދު ޖައްސައިގެން ކަންކަން ކުރަން ބޭނުންވޭ: ގާސިމް

ގާސިމް އިބްރާހީމް -- ފޮޓޯ / ވީނިއުސް

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ސަރުކާރާއި ދޭތެރެ ޖައްސައިގެން ސަރުކާރުގެ ތެރެއިން ކަންތައްތަކެއް ކުރަން ބޭނުންވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް މެންބަރުންތަކެއް ސޮއި ކުރުމަށް ރޭ އެޕާޓީގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ނަޝީދު ކަންތައްތައް ކުރައްވާ ގޮތުގެ ވާހަކަތައް ޕޯޑިއަމްތަކުގައާ މަޖިލީހުގެ ޖަލްސާތަކުގައި ދެއްކުމުން، ނަޝީދަށް ތާއީދު ކުރާ މަޖިލިސް މެންބަރުންނާއި ސަޕޯޓަރުން ޖޭޕީ އުޅެނީ ސަރުކާރަށް "ވައި އަޅައިގެން" ކަންތައްތަކެއް ސަރުކާރުން ހޯދަން ކަމަށް ވިދާޅުވާ ކަމަށެވެ.

"އަޅުގަނޑު ނޫހަކުން ދެކުނިން ގާނޫނީގޮތުން ވަރަށް ފުންނާބު އުސްކަމަށް އަޅުގަނޑުމެން ދެކުނު ބޭފުޅަކު ވިދާޅުވި އަޅުގަނޑު އުޅެނީ ސަރުކާރާ ރައީސް ނަޝީދާ ދޭތެރެ ޖައްސައިގެން ކޮންމެވެސް ކަންތަކެއް ހޯދާށޭ. އަޅުގަނޑު ދަންނަވާނީ އަޅުގަނޑު އެކަން އެހެން ކުރަމޭ. އަޅުގަނޑު ބޭނުމޭ ސަރުކާރަށް ވައި އަޅުވައިގެން ކަންތައްކުރަން،" ގާސިމް ވިދާޅުވިއެވެ.

ސަރުކާރާއި ދެކޮޅަށް އެންމެ ބޮޑަށް ވާހަކަދައްކަމުން ގެންދަނީ ރައީސް މުހައްމަދު ނަޝީދު ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ރޭގެ ހަފްލާގައި ވެސް ވަނީ އިސްލާމްދީނާއި ހިލާފު ނުވާ ކަމެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނުކުރައްވާ ކަމަށްވާ ނަމަ ސަރުކާރުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.

މާޒީގައި ޖޭޕީގެ ޓިކެޓު ދީފައިވަނީ ޕްރައިމަރީއެއް ބޭއްވުމެއް ނެތި ޕާޓީން ހޮވާ ބޭފުޅުންނަށެވެ. ނިމިގެންދިޔަ މަޖިލިސް އިންތިޚާބުގައި ވެސް ޖޭޕީގެ ގިނަ ޓިކެޓުތަކެއް ވަނީ ޕާޓީއާ އަލަށް ގުޅުނު ވަރަށް ގިނަ ފަރާތްތަކަށް ދީފައެވެ. އޭރު ޓިކެޓު ބެހީ ގިނަ ދުވަސްތަކެއް ވަންދެން ޕާޓީއަށް ޚިދުމަތް ކޮށްފައިވާ މީހުންވެސް ކުރިމަތިލާފައި ވަނިކޮށް ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވެއެވެ.

މަޖިލިސް އިންތިޚާބުގައި ޖުމުހޫރީ ޕާޓީއަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެގެން ދިޔައިރު ޕާޓީ ހިންގާ އުސޫލުތަކަށް ބަދަލު ގެނެސްފައިވާ ކަން ގާސިމް އިއުލާން ކުރައްވާފައިވާއިރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެއް ދާއިރާއަކުން އެކަކަށް ވުރެ ގިނަ ފަރާތުން ވާދަކުރަން އެދޭނަމަ ޕްރައިމަރީ އަކަށް ދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

އަދި ޖޭޕީ އިން މަސައްކަތް ކުރަމުން ދާނީ ރާއްޖޭގައި ހަރަކާތްތެރިވާ ޕާޓީތަކުގެ ޑިމޮކްރެޓިކް އުސޫލުތަކާ އެކުގައި ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.