Last Updated: July 28, 17:20
Tuesday, July 28, 2026
ޚަބަރު

ޔާމީންގެ މައްސަލާގައި ދެވޭނެ ހެކިބަހެއް ނެތް: އަޒީމާ

އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް --

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ މަނީ ލޯންޑިރިންގެ ދައުވާގެ ޝަރީއަތުގައި ކުރީގެ ގަވަރުނަރު އަޒީމާ އާދަމަށް ދެވޭނެ ހެކިބަހެއް ނޯންނާނެ ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ފަސްވަނަ އަޑުއެހުން ކުރިއަށްދާއިރު، މިއަދުގެ އަޑުއެހުމުގައި އެންމެ ފުރަތަމަ އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ހެއްކެއް ކަމަށްވާ އަޒީމާގެ ހެކިބަސް ނެގުމެވެ. ނަމަވެސް އަޒީމާ ވަނީ ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި އެކަމަނާ ވަޒީފާ އަދާ ކުރައްވަމުން ގެންދަވަނީ ރާއްޖެއިން ބޭރުގައި ކަމަށާއި އަދި އެހެންކަމުން ކޯޓަށް ހާޒިރުވެވަޑައިގަންނަވަން އުޒުރުވެރިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ހަމައެއާއެކު އަޒީމާ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާގެ މައްސަލާގައި އެކަމަނާއަށް ދެވޭނެ ހެކިބަހެއް ނެތް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އިސްލާމިކް ބޭންކްގައި އޮންނަ އެ މަނިކުފާނުގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއްވާ އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރު ބެހެއްޓުމަށް އޭސީސީ އާއެކުވީ އެސްކްރޯ އެކައުންޓްގެ އެއްބަސްވުމާ ހިލާފުވެފައިވާތީ އެވެ.

އެންމެ ފަހުން މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންއާ ދެކޮޅަށް ހުށަހަޅާފައިވާ ބައެއް ހެކިންގެ ހެކި ބަސް ނެގި އެވެ. މިހާރު ހެކި ބަސް ނުނެގި އޮތީ ހަމައެކަނި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ އެވެ. އޭނާ ވަނީ ހެކި ބަސް ދެއްވަން އިންކާރު ކުރައްވާފަ އެވެ.

އެހެން ކަމުން، ލުތުފީގެ ހެކި ބަހުގެ ބަދަލުގައި އޭނާ ފުލުހަށް ދެއްވާފައިވާ ބަޔާނުގެ ވީޑިއޯ ޝަރީއަތުގައި ބެލުމަށް ދައުލަތުގެ ފަރާތުން އެދިފައިވާތީ، އެކަމާގުޅޭ ގޮތުން ޝަރީއަތުން ވަނީ ލުތުފީ ފުލުހުންނަށް ދެއްވާފައިވާ އޯޑިއޯ ސީޑީ ބަލައިގަތުމަށް ނިންމާފައެވެ.