Last Updated: July 28, 17:20
Tuesday, July 28, 2026
ޚަބަރު

އެޗްއާރްސީއެމްއިން ކަންކަން އޮޅުވާލަމުންދާ ކަމުގެ ތުހުމަތު ކުރައްވައިފި

ކޮމިޝަނާ އޮފް ޕްރިޒަންސް -- ފޮޓޯ / ވީނިއުސް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ރައްޔިތުންނަށް ކަންކަން އޮޅުވާލަމުން ގެންދާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ތުހުމަތު ކުރައްވައިފިއެވެ.

މުނާޒު މިގޮތަށް ތުހުމަތު ކުރައްވާފައި މިވަނީ މާލެ ޖަލު އެނެކްސް (ރިމާންޑް ޖަލު) ގައި ގައިދީން ނުބައިތިއްބާ، 48 ގަޑިއިރު ތެރޭ އެތަން ހުސް ކުރުމަށް އެޗްއާރްސީއެމްއިން ބުނެފައި ވާތީއެވެ.

މުނާޒުގެ ޓްވީޓާގައި އޭނާ ވިދާޅުވީ ގައިދީންގެ ހައްގުތައް ކަށަވަރު ކޮށްދީ ޖަލުގެ ކަންކަން އިސްލާހު ކުރަން މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. މުނާޒް ވިދާޅުވި ގޮތުގައި ކޯޓަށާއި ޑޮކްޓަރަށް ދައްކަން މާލެ ގެނައި ގައިދީންތަކެއް މާލޭ ޖަލުގެ އެނެކްސް އިމާރާތުގައި ބައިތިއްބަން ޖެހުނީ ކަނޑު ދަތުރު ނުކުރެވޭ ވަރަށް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފައިވާތީ ކަމަށެވެ. އަދި އެ ވާހަކަ އެޗްއާރުސީއެމަށް އެންގި ކަމަށް މުނާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޗްއާރުސީއެމުން ފާހަގަކުރި ތަނަކީ މީހުން ބަންދުކޮށްފައި ބޭތިއްބުމަށް ގާނޫނީ ގޮތުން ހުރަހެއް އޮތް ތަނެއް ނޫން ކަަމަށް ވިޔަސް ޖަލެއްގެ ގޮތުގައި މީހުން ބަންދުކޮށްފައި ބޭތިއްބުމަށް އެތަން ބޭނުން ނުކުރާ ކަމަށެވެ. ނަމަވެސް އެކި ބޭނުންތަކަށް ހެނދުނު މާލެ ގެންނަ މީހުން މެންދުރު ފަހު ފުރުވާލެވެންދެން އެތަނުގައި ބައިތިއްބާކަން އެޗްއާރުސީއެމްގެ ބޭފުޅުންނަށް ކުރިން ވެސް އެނގޭނެ ކަމަށް މުނާޒް ވިދާޅުވި އެވެ.

އެޗްއާރްސީއެމުން ބުނީ ރިމާންޑް ޖަލަކީ ގައިދީން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫންކަމަށް ބުނެ އެތަން ބޭނުން ކުރުން ހުއްޓާލާފައި ވާކަމަށް، ކަރެކްޝަނުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އިއްޔެ ރިމާންޑް ޖަލަށް ދިއުމުން ކުރުމުން، އެތަނުގައި 25 ގައިދީއަކާއި ބަންދު މީހަކު ބަންދުކޮށްފައި ތިބިކަން ފާހަގަ ވެފައިވާ ކަމަށެވެ.

އެޗްއާރްސީއެމުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ، އިއްޔެ އެ ކޮމިޝަނުން ރިމާންޑް ޖަލަށް ކުރި ޒިޔާރާތުގައި އެތަނުގެ ހާލަތު ކުރިއަށް ވުރެ މިހާރު ދަށް ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެތަނުގެ ތެރޭގައި ބާވެފައިވާ ދަގަނޑާއި ކުދި ހިލަ ގޯންޏާއި ވެލި ގޯންޏާއި އަދި ގޮޅިތަކުގައި ހިރަފުސް ބޯވެފައި ހުރުމާއި ގޮޅިތައް ސާފުތާހިރު ނޫން ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.