ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އާދަމް އާސިފް ހުލާސާ ބަޔާން ދެއްވަމުން ގެންދަވަނިކޮށް، މައްސަލަ ބައްލަވާ ގާޒީ އެކަން ހުއްޓުވައިފިއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން ކުރުމުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ކުރިއަށް ދަނީ ކިތާބީ ހެކި ހުށަހެޅުމުގެ ކަންކަމެވެ. އެގޮތުން ދައުލަތުގެ ފަރާތުން ކިތާބީ ހެކި ހުށަހަޅާ ނިމުމުން ގާޒީ ހައިލަމް ވަނީ ދިފާއަށް އެފުރުސަތު ދެއްވާފައެވެ. އަދި ފުރަތަމަ ދިފާއުގެ ފަރާތުން ބަޔާން ހުށަހެޅުއްވީ ވަކީލް އަލީ ޝާހެވެ. އެއަށްފަހު ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާސިމް ފުރަތަމަ ހުލާސާ ބަޔާން ދެއްވަން ފެއްޓެވިއެވެ.
ފުރަތަމަ ބަޔާން ދެއްވަން ފެއްޓެވީ ވަރަށް މަޑުން އާދައިގެ ގޮތަކަށެވެ. ނަމަވެސް ފަހުން ފެނިގެން ދިޔައީ އޭނާގެ އަޑު ބާރުވެ، ހުތުބާއެއްހެން އެ ބަޔާން ދެއްވަމުން ގެންދެވި ތަނެވެ. އަދި ބަޔާން ދެއްވުމުގެ ކުރިން ބަޔާނުގައި އޮތް ގޮތާއި ކުޑަކޮށް ތަފާތު ވެދާނެ ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.
ފުރަތަމަ ބަޔާން ދެއްވަން ފެއްޓެވީ އާދައިގެ މަތިން ބަޔާނެއް ދެއްވާ ހެނެވެ. ނަމަވެސް ފަހުން އަޑަށް ބާރު ލާފައި ބަޔާން ދެއްވިއިރު އޭނާގެ ރާގުވެސް އައީ ބަދަލުވަމުންނެވެ. ވަކި ހިސާބަކަށް ބަޔާން ދެއްވިތަނާ ގާޒީ ހައިލަމް ވަކީލް އާސިފް ހުއްޓުވިއެވެ. ހުއްޓުވުމަށްފަހު ހައިލަމް ވިދާޅުވީ ބަޔާން ރަނގަޅަށް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ވަކީލް އާސިފަކީ އަލަށް ކޯޓަށް ވަޑައިގެންނެވި ބޭފުޅެއް ނޫންކަން ފާހަގަކުރައްވާ ގާޒީ ވިދާޅުވީ ވަކީލް އާސިފް ބަޔާން ދެއްވާއިރު ހީފުޅުވަނީ ހުތުބާއެއް ދެއްވާހެން ކަމަށެވެ.
ގާޒީ އެފަދައިން ވިދާޅުވުމުން ވަކީލް އާސިފް ވިދާޅުވީ އެއީ އެމަނިކުފާނުގެ އަޑު ހުންނަވާ ގޮތް ކަމަށެވެ. ނަމަވެސް އެކަން ދޮގު ކުރައްވާ ގާޒީ ހައިލަމް ވިދާޅުވީ އެއީ އެމަނިކުފާނު އަޑު ހުންނަވާ ގޮތް ނޫން ކަމަށާއި އާސިފަކީ ކްރިމިނަލް ކޯޓަށް އަލަށް ވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށެވެ.
"އަޑު އެކަންޏެއް ނޫން. ރާގު ވެސް ތިޔަ ގެންގުޅުއްވާ ގޮތާއި، ޚުތުބާއެއް ވިދާޅުވަނީހެއް ވެސް ބައެއް ފަހަރު ހީވާނެ. އެހެން ނޫނީ ޑްރާމާއެއް ކުޅުއްވާހެން ވެސް ހީވާނެ،" ގާޒީ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގައި ފުރަތަމަ އޮތީ ޔާމީންގެ ފަރާތްޕުޅުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ހެކި ބަސް ނެގުމެވެ. ނަމަވެސް އަޒީމާ ވަނީ ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުއްވާ އެކަމަނާއަށް ހާޒިރުވެވެން ނެތް ކަމަށް ދަންނަވާފައެވެ.