Last Updated: July 28, 17:20
Tuesday, July 28, 2026
ޚަބަރު

މިއީ ސަރުކާރުން ބޭނުންވެގެން ކޮށްގެން އުޅޭކަމެއްކަމަށް: ޔާމީން

މީގެކުރިން ބޭއްވި ޝަރީއަތެއްގައި ރައީސް ޔާމީން ވާހަކަަދައްކަވަނީ --

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއަކީ ސަރުކާރުގެ އިސްވެރިން ބޭނުންވެގެން ކޮށްގެން އުޅޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާގެ ފަސް ވަނަ އަޑުއެހުމުގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިސްލާމިކް ބޭންކުގައި ފައިސާގެ އަސްލު އޮޅުވާލާފައިވާކަމަށް ދައުލަތުން ބުނާއިރު، އެސްއޯއެފުން ޖަމާކުރި ފައިސާ ބަދަލުކޮށްފައިވަނީ އިސްލާމިކް ބޭންކުގައި އޮތް އެކައުންޓަކުން އެ ބޭންކުގައި އޮތް އެހެން އެކައުންޓަކަށް ކަމަށެވެ. އެހެންކަމުން އެއީ އެ ފައިސާގެ އަސްލު އޮޅުވާލަން ކުރި ކަމެއްކަމަށް ދައުލަތުން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ އާއި އެސްއޯއެފް އާދެމެދު ކޮށްފައިވާ ފައިސާގެ މުއާމަލާތްތަކަކީ ހިޔާނާތުގެ މުއާމަލާތްތަކެއް ކަމެއް އަދި މިހާތަނަށް އެއްވެސް ގާނޫނީ އިދާރާއަކުން ތަހުގީގުކޮށްފައި ނުވާއިރު ވޮޑުމުއްލާ ކުއްޔަށްދީގެން ލިބުނު އެއް މިލިއަން ޑޮލަރަކީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ ކަމެއް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް އެމަނިކުފާނު މިއަދުގެ ޝަރީއަތުގައި ވަނީ ވިދާޅުވެފައެވެ.

"އެކްސްކްރޯ އެކައުންޓުގައި ފައިސާ ބަހައްޓަން އިސްނެގީ އަޅުގަނޑު. އެއީ ފަހަރެއްގައިވެސް އެއީ ދައުލަތުގެ ފައިސާއަށްވެދާނެތީ އަޅުގަނޑު ހެޔޮ ނިޔަތުގައި ކުރި ކަމެއް. މި ދައުވާ އުފުލިގެން އުޅޭތީ ހިތާމަކުރަން. ފުލުހުންގެ ބޭނުމަށް އެމްއެމްއޭއިން އެސްޓީއާރުތައް ނެރުނީ މާފަހުން. އެހެންވީމާ މިއީ ސަރުކާރުން ބޭނުންވެގެން ކޮށްގެން އުޅޭކަމެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ، ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މިއަދުގެ ޝަރީއަތުގައި ފުރަތަމަ އޮތީ ދިފާއުން ހުށަހަޅާފައި ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ހެކިބަސް ނެގުމެވެ. ނަމަވެސް އަޒީމާ ވަނީ ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި އެކަމަނާއަކީ ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރައްވާ ބޭފުޅަކަށް ވާތީ ހާޒިރުވެވެން ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ މައްސަލާގައި ދެވޭނެ ހެކިބަހެއް ނެތް ކަމަށް ވެސް އަޒީމާ ވިދާޅުވިއެވެ.