ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމަށް ސަރުކާރުން ފުރުސަތު ހުޅުވާލުމުން އެކަމަށް އެދި ގިނަ އަދަދެއްގެ ބިދޭސީން އެ މިނިސްޓްރީ ދޮށުގައި ކިއު ހަދައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު "އައްޑޫލައިވް"އަށް ވިދާޅުވީ ބިދޭސީންނަށް ދެވަނަ ފުރުސަތެއް ދިނުމަށް ހުޅުވާލީ މިދިޔަ ހަފްތާގައި ކަމަށެވެ. އަދި އެއީ މިއަދަކު އެކަނި ހެދި ކިއުއެއް ނޫން ކަމަށެވެ. އިއްޔެގައިވެސް އެހާ ބޮޑު ކިއުއެއް ބިދޭސީން ހަދާފައިވާ ކަމަށް އޮފިޝަލް މައުލޫމާތުދެއެވެ. އޮފިޝަލް ވިދާޅުވީ އެކަމަށްޓަކައި އެ މިނިސްޓްރީން ދޫކުރަނީ ކޮންމެ ދުވަހަކަށް 150 ނަންބަރު ކަމަށެވެ. އެ ޕްރޮގްރާމް ހަ މަހުގެ މުއްދަތަކަށް ކުރިއަށް ދާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުނިތަކަށް ވެސް ނުވަތަ ބިދޭސީ މީހާ ރާއްޖެ އެތެރެ ކުރި ފަރާތަށް ވެސް އޮންލައިންކޮށް އެކަމަށް އެދި ހުށަހެޅޭނެ ކަމަށެވެ. އެހެންކަމުން އިކޮނޮމިކް މިނިސްޓްރީއަށް ގޮސް އެކަން ކުރަންޖެހޭނީ ވަޒީފާގައި ނޫޅޭ ބިދޭސީން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އިކޮނަމިކް މިނިސްޓްރީން މީގެކުރިން ބުނީ ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު މަދުވެގެން 50،000 އަށް ވުރެ މައްޗަށް އަރާނެ ކަމަށެވެ. ބިދޭސީން ގާނުނުގެ އިމަށް ވެއްދުމުގެ މަސައްކަތް ކުރަމުން ދާނީ ސިވިލް ސާވިސް ކޮމިޝަން ބިލްޑިންގް ގައި ހުންނަ އިކޮނަމިކް މިނިސްޓްރީގެ ލޭބާ ޑިޕާޓްމެންޓްގަ އެވެ. އެ ޕްރޮގްރާމްގެ ދަށުން ރެގިއުލަރަޒް ވެވޭނީ އެއްވެސް އިރެއްގައި ރާއްޖޭގައި މަސައްކަތް ކުރުމަށް 'އެމްޕްލޯއިމަންޓް އެޕްރޫވަލް' ދޫކޮށްފައިވާ ބިދޭސީންނަށެވެ. އެއްވެސްއިރެއްގައި 'އެމްޕްލޯއިމަންޓް އެޕްރޫވަލް' ދޫކުރެވިގެން ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ ތެރެއިން ކާކުކަން އަންގައިދޭ ލިޔުމެއް ނެތް ފަރާތްތަކަށްވެސް އެ ޕްރޮގްރާމްގެ ދަށުން ރެގިއުލަރައިޒް ކުރުމަށް ހުށަހެޅޭނެ އެވެ.