އދ. ގެ އާންމު މަޖިލީހުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަގުރީރު ކުރެއްވުމުން، ރައީސް ޔާމީން ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް، ރައީސް ސޯލިހަށް މަރުހަބާ ދަންނަވާ ތައުރީފު ކުރައްވައިފި އެވެ.
އދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ރައީސް ސޯލިހު ތަގުރީރު ކުރައްވާފައި ވަނީ އެ މަޖުލީހުގައި ރާއްޖޭގެ ރައީސަކު ތަގުރީރު ނުކުރައްވާތާ ހަ އަހަރަށް ފަހު އެވެ. ތޯރިގު ކުރެއްވި ޓްވީޓުގައި އެކަން ފާހަގަކުރައްވާ ރައީސަށް މަރުހަބާ ދަންނަވާފައެވެ. ތޯރިގު ވިދާޅުވީ އަހަރުތަކަކަށްފަހު، އދ. ގެ އާންމު މަޖިލީހުގައި ރާއްޖޭގެ އެންމެ އިސްވެރިޔަކު ތަގުރީރު ކުރެއްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެއީ ދިވެހިންނަށް ލިބުނު ޝަރަފެއްގެ ގޮތުގައި ތޯރިގު ވިދާޅުވިއެވެ.
ރައީސްގެ ތަގުރީރުގައި މޫސުމީ ކަންކަމަށް އަލިއަޅުއްވާލައްވާ ދެއްކެވި ވާހަކަފުޅަށް ވެސް ތޯރިގު ވަނީ ތައުރީފު ކުރައްވާފައެވެ.
ރައީސްގެ ތަގުރީރުގައި ރޭ ވިދާޅުވީ ދިވެހި ރާއްޖެ އަކީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ގައުމަކަށްވާއިރު، ދިވެހިން މިކަމުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ބައިނަލް އަޤުވާމީ ދުނިޔޭގެ އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. ރައީސް ފާހަގަކުރެއްވި ނުކުތާ ތަކުގެ ތެރޭގައި، ރާއްޖެ އިންޑިޔާ ކަނޑުގެ މެދުގައި އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޣަރަގު ވުމުގެ ބިރު ރާއްޖެއަށް ކުރިމަތިވެފައި އޮތް ކަން ހިމެނުއްވިއެވެ.
އަދި މިހާލަތުން އަރައިގަތުމަށް ދިވެހިން މަސައްކަތް ކުރަމުންދާ ކަމަށާއި، ރޭ މޫސުމީ ބަދަލުތަކާ ބެހޭ ކޮންވެންޝަންގައި ރައީސް ހުށައެޅުއްވި ދިވެހިންގެ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލްގެ މައްޗަށް އަލި އަޅުވާލެއްވިއެވެ. ދިވެހި ރާއްޖެއަކީ 99 އިންސައްތަ ކަނޑުގެ މައްޗަށް އުފެދިފައި އޮންނަ "އޯޝަން ސްޓޭޓެއް" ކަމަށާއި ދިވެހިން ސަލާމަތް ވުމަށް ކުރަން ޖެހޭ މަސައްކަތުގެ ބޮޑުކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވަނީ ޕްލާސްޓިކާއި ދެކޮޅަށް ދިވެހިން ފަށާފައިވާ މަސައްކަތަށް ވެސް އދ. ގެ ޖެނެރަލް އެސެމްބްލީގައި އަލި އަޅުވާލައްވާފައެވެ.