ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޔޫއެންގައި ދެއްވި ތަގުރީރުން އެނގިގެން ދިޔައީ ސަރުކާރުގެ ތެރޭގައި ކުރީގެ ސަރުކާރުގެ ވެރިންނަށް އޮތް ނަފްރަތާއި ބަދަލު ހިފުމުގެ ރޫހު ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ރައީސްގެ ތަގުރީރާއި ގުޅޭ ގޮތުން އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އދ. ގައި ތަގުރީރު ދެއްވަމުން ރައީސް ސޯލިހު، ކުރީގެ ސަރުކާރަށް ފާޑުވިދާޅުވުމުން އެނގެނީ މި ސަރުކާރުގައި އިންސާފެއް ނެތް ކަމާއި ބަދަލު ހިފުމާއި ނަފުރަތު އޮތް ވަރު ކަމަށެވެ. އަދި ސަރުކާރުގައި ގައުމިއްޔަތެއް ނެތްކަން ހާމަވެގެން ދިޔަ ކަމަށާއި މި ސަރުކާރުގައި އެއްވެސް އުއްމީދެއް ނެތް ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖެ ތަރައްގީ ކުރެވޭނީ ވެރިކަމުގެ ކޮއިލުގެ ތެރެއިންނާއި ވެރިންގެ ހިތްތަކުން ހަސަދަވެރިކަން ނައްތާލައިގެން ކަމަށެވެ.
ނިއުޔޯކުގައި ކުރިޔަށްދާ އ.ދ. ގެ ޢާންމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖެ ދުނިޔެއާ އެކަހެރިވެގެން އޮތް އޮތުން ނިމުމަކަށް ގެންނަވައި ރާއްޖޭގައި އަލުން ޑިމޮކްރަސީ އިޔާދަވުމުގެ މަގަށް ދަތުރު ފެށިފައިވާ ކަމަށެވެ. އަދި ރާއްޖެއިން މިހާރު މަސައްކަތްކުރަމުން އަންނަނީ ޚުދުމުޚްތާރު ވިސްނުންތަކާ ދެކޮޅަށްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މައުނަވީ ޑިމޮކްރަސީއެއްގައި އޮންނަ ކަމަކީ ހަމައެކަނި އިންތިޚާބުތައް ބޭއްވުން ނޫންކަމަށާއި އޭގެ އިތުރުން ރައްޔިތުންނާ ގުޅޭ މުހިންމު ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީއާއެކު އެމަނިކުފާނުގެ ކޮނޑުފުޅުގައި އެޅިފައިވާ މި ޒިންމާއަކީ ކުޑަ ޒިންމާއެއްގެ ގޮތުގައި ނުނަންގަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ޑިމޮކްރަސީ ހަރުދަނާކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި ކުރަމުން ގެންދާ ބައެއް މަސައްކަތްތަކުގެ ތަފްޞީލުތައް ޙިއްޞާކުރެއްވިއެވެ. އެގޮތުން މުއައްސަސާތައް ވަރުގަދަކުރުމާއި، ލާމަރުކަޒުކުރުމާއި، ވެށި ހިމާޔަތްކުރުމާއި ޢަދުލު އިންސާފު ކަށަވަރުކުރުމަށް ޤާނޫނީ އޮނިގަނޑުތައް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާ ޙިއްޞާކުރެއްވިއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރަޙައްދީ ގުޅުންތައް ބަދަހިވެ ވިޔަފާރިތައް ކުރިއަރައި ދިއުމަށް މަގުފަހިވާގޮތަށް ޤަވާޢިދުތަކުގެ އޮނިގަނޑު ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމަށް އ.ދ.ގެ މެންބަރު ޤައުމުތަކަށް ގޮވާލެއްވިއެވެ.