ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީމަސައްކަތްތެރިން ގެނައުމުގެ ހުއްދަ ހޯދުމަށްޓަކައި ކޯޓާއަށް އެދި ވަޒީފާދޭ ފަރާތްތަކުން ހުށަހަޅާއިރު، އޮޅުވާލާފައިވާ ސައްޙަ ނޫން ލިޔެކިޔުންތައް ހުށަހަޅާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ފަދަ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ހުށަހަޅާ ސައްޙަ ނޫން ލިޔެކިޔުންތަކާ ބެހޭގޮތުން ތަޙުޤީޤު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މި މިނިސްޓްރީއިން ހުށަހަޅަމުން ގެންދާ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިހާތަނަށް 13 ފަރާތެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން މިފަދައިން ބުނެފައި މިވަނީ ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމަށް ސަރުކާރުން ފުރުސަތު ހުޅުވާލުމުން އެކަމަށް އެދި ގިނަ އަދަދެއްގެ ބިދޭސީން އެ މިނިސްޓްރީ ދޮށުގައި ކިއު ހަދަމުންދާ ދުވަސްކޮޅެއްގައެވެ. އެގޮތުން އިއްޔެވެސް މިއަދުވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ މަސައްކަތް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ސިވިލް ސާވިސް ކޮމިޝަން ބިލްޑިންގް ގައި ހުންނަ އިކޮނަމިކް މިނިސްޓްރީގެ ލޭބާ ޑިޕާޓްމެންޓްގައި ކިއު ހަދާފައެވެ.
އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު "އައްޑޫލައިވް"އަށް ވިދާޅުވީ ބިދޭސީންނަށް ދެވަނަ ފުރުސަތެއް ދިނުމަށް ހުޅުވާލީ މިދިޔަ ހަފްތާގައި ކަމަށެވެ. އަދި އެއީ މިއަދަކު އެކަނި ހެދި ކިއުއެއް ނޫން ކަމަށެވެ. އިއްޔެގައިވެސް އެހާ ބޮޑު ކިއުއެއް ބިދޭސީން ހަދާފައިވާ ކަމަށް އޮފިޝަލް މައުލޫމާތުދެއެވެ. އޮފިޝަލް ވިދާޅުވީ އެކަމަށްޓަކައި އެ މިނިސްޓްރީން ދޫކުރަނީ ކޮންމެ ދުވަހަކަށް 150 ނަންބަރު ކަމަށެވެ. އެ ޕްރޮގްރާމް ހަ މަހުގެ މުއްދަތަކަށް ކުރިއަށް ދާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުނިތަކަށް ވެސް ނުވަތަ ބިދޭސީ މީހާ ރާއްޖެ އެތެރެ ކުރި ފަރާތަށް ވެސް އޮންލައިންކޮށް އެކަމަށް އެދި ހުށަހެޅޭނެ ކަމަށެވެ. އެހެންކަމުން އިކޮނޮމިކް މިނިސްޓްރީއަށް ގޮސް އެކަން ކުރަންޖެހޭނީ ވަޒީފާގައި ނޫޅޭ ބިދޭސީން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.