Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

"ބައިވަރު" ގެ މެޕް އައްޑޫ: އައްޑޫގެ ބޮޓް ޑިވެލޮޕަރުންތަކެއްގެ ކުޅަދާނަކަން

އެންމެ ފުރަތަމަވެސް ކޮށްލަން އޮތީ ސުވާލެކެވެ. އައްޑޫ ކަހަލަ ބިން ބޮޑުތަނެއްގައި އުޅޭއިރު، މިވެނި ކަންމަތީ ފިހާރައެއް، ނުވަތަ މިވެނި އެޑްރެސްއެއް ހުރި ހިސާބު ނޭނގޭތީ އެކި މީހުން ކުރެން އަހަމުން ދާންޖެހޭ ހެއްޔެވެ؟ ޓެކްސީއަކަށް ނުވަތަ ޑެލިވެރީއަކަށް ގުޅާލުމުން އެބުނާ ގެއަކަށް ދާން ނޭނގިގެން މަގުގެ ކުރެހުންތަކުން އެގެއެއް ހުންނަ ތަން އިނގޭނެ ނަމައޭ ހިތަށް އަރާ ހެއްޔެވެ؟ މިސުވާލުތަކުގެ ޖަވާބު ހޯދުމުގެ ކުރިން އިހަށް ޓެލެގްރާމް އާއި ބޮޓް އާއި ބެހޭގޮތުން މައުލޫމާތުކޮޅެއް ހިއްސާކޮށްލާނަމެވެ.

ޓެކްނޮލޮޖީގެ އާ އީޖާދުތަކާ އެކު، އިންސާނުންގެ ދިރިއުޅުން ދުވަހުން ދުވަހަށް އަންނަނީ ފަސޭހަވަމުންނެވެ. ކުރަން ޖެހޭ ކުޑަކަމަކަށް އުފުލަން ޖެހޭ ބުރަ އެތައް ތަނެއް ލުއިވަމުންނެވެ. އެގޮތުން އިންޓަނެޓާއި، ފޯނާއި، އެއަށް އެޅޭ އެޕްތަށް މެދުވެރިކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނާ ވާހަކަ ދެއްކުމަކީ މިހާރު އެއްވެސް ކަމެއް ނޫނެވެ. ޓެލެގްރާމަކީ މިފަދަ އެއް އެޕެވެ. އާންމު ގޮތެއްގައި ޓެލެގްރާމް ގިނަ މީހުންނަށް ވިސްނިފައި އޮންނަނީ އެހެން ސޯޝަލް މީޑިއާ އެޕްތައް ފަދައިން ޗެޓްކޮށްލާ، ފޯނު ނުވަތަ ވީޑިއޯ ކޯލްކޮށް، ފޮޓޯ، ވީޑިއޯ އަދި އެނޫންވެސް ލިޔުންތައް ފޮނުވާލަން ގެންގުޅޭ އެޕެއްގެ ގޮތުގައެވެ.

ނަމަވެސް އައްޑޫގެ ޓެލެގްރާމް ބޮޓް ޑިވެލޮޕަރުންތަކެއްވަނީ އާންމު ދިރިއުޅުމުގައި ކުރަން ޖެހޭ ތަފާތު އެކި ކަންކަން ފަސޭހަކުރުމަށް ޗެނަލްތަކަކާއި ބޮޓުތަކެއް އުފައްދައި ޓެލެގްރާމް ބޭނުން ކުރެވޭނެ ގޮތް ބަދަލުކޮށްލާފައެވެ. އެގޮތުން މިޓީމުން ވަނީ ތަފާތު ސޮފްޓްވެއަރ ތަކާއި، ޕްރޮގްރާމުތަކުގެ އިތުރުން ފިލްމާއި ސީރީޒްތަކުގެ އެޕިސޯޑުތަށްވެސް ޓެލެގްރާމް މެދުވެރިކޮށް ލިބޭނެގޮތް، ބައިވަރުގެ ނަމުގައި ހަދާފައެވެ.

ޓެލެގްރާމް މެދުވެރިކޮށް ޚިދުމަތް ދިނުމަށް މި ޓީމުން ގެންގުޅެނީ ދެ ގޮތެކެވެ. އެއީ ޗެނަލްތަކާއި ބޮޓުތަކެވެ. ބޮޓަކީ މައިގަނޑުގޮތެއްގައި އޮޓޮމޭޓެޑް ތަކެއްޗަށް ކިޔާނަމެކެވެ. އަދި ބޮޓް ބޭނުން ކުރެވޭނީ 3 ގޮތަކަށެވެ. އެއީ، ޑީއެމް ނުވަތަ ޑައިރެކްޓް މެސެޖެއް ފޮނުވައިގެން، ގުރޫޕަކަށް އެޑުކޮށްގެން ނުވަތަ އިންލައިން ޓެލެގްރާމް ބޮޓުގެ ގޮތުގައެވެ.

"ބައިވަރު" ގެ ފަރާތުން މުޅިން ހިލޭ ދޭ މި ޚިދުމަތްތައް "އައްޑޫލައިވް" އިން ގެނެސް ދިނުމަށް ހަމަޖެހިފައިވަނީ ސީރީޒްއެއްގެ ގޮތުގައެވެ. އެގޮތުން އެންމެ ފުރަތަމަ މިގެނެސްދެނީ ބައިވަރުގެ މެޕް އައްޑޫއެވެ. ބައިވަރު ޓީމުން މައުލޫމާތު ދޭ ގޮތުގައި މެޕް އައްޑޫ ހަދަން ޚިޔާލަށް އައީ މާލޭގެ ޓެކްސީ ކުރާ ފަރާތްތަކުން ބޭނުން ކުރުމަށް ޒަމާނީ މެޕް ތަކާއި، ވަކިވަކި އެޑްރެސް އެނގޭނެ ނިޒާމެއް ޤާއިމްވެފައި އޮތްނަމަވެސް، އައްޑޫގެ ޓެކްސީ ޑްރައިވަރުން ބޭނުން ކުރަން ޖެހެނީ ވަރަށް ކުރީގެ ޕީޑީއެފް މެޕެއްކަން އެނގުމުން ކަމަށެވެ.

އެގޮތުން މެޕް އައްޑޫގައި ތަނެއް ރަޖިސްޓަރ ކުރަން އެންމެ ފުރަތަމަ ޖެހޭނީ ޓެލެގްރާމްގައި BaivaruPlacesBot@ ޖަހައި ސަރޗްކޮށްލާށެވެ. މިގޮތަށް ސަރޗްކޮށްލުމުން ކޮންވަޒޭޝަން ވިންޑޯއެއް ހުޅުވޭނެއެވެ. އަދި އެއަށްފަހު ޓެލެގްރާމްގައި ހުންނަ ލޮކޭޝަން ފޮނުވާ ފީޗަރ އިން އެ ކޮންވަޒޭޝަނަށް ޖެހޭނީ ލޮކޭޝަން ފޮނުވާފައި، "އެޑްރެސް، ރަށް، އަތޮޅު" މި ފޯރމެޓުގައި އެޑްރެސް މެސެއްގެ ގޮތުގައި ލިޔެފައި ހަމަ އެ ކޮންވަޒޭޝަނަށް ފޮނުވާލާށެވެ. އެހާ ހިސާބުން އެ އެޑްރެސް ރަޖިސްޓަރވީއެވެ. އެޑްރެސް ސަރޗްކޮށްލުމަށް ޖެހޭނީ ހަމަ އެ ކޮންވަޒޭޝަންގައި f/ ޖެހުމަށްފަހު އެޑްރެސް ލިޔެފައި ފޮނުވާލާށެވެ. އޭރުން މެޕުން އެ އެޑްރެސް ހުންނަ ތަން ޓެލެގްރާމް މެސެޖެއްގެ ގޮތުގައި ދައްކާދޭނެއެވެ. BaivaruPlacesBot@ ގެ ބަދަލުގައި މި ލިންކުންވެސް ކޮންވަޒޭޝަން ހުޅުވާލެވޭނެއެވެ. https://t.me/BaivaruPlaces

މެޕް އައްޑޫ ބޭނުން ކުރުމުގައި އެއްވެސް އެހީތެރިކަމެއް ބޭނުން ވެއްޖެ ހާލަތެއްގައި އެހީ ފޯރުކޮށްދިނުމަށް އެ ޓީމުންވަނީ ސަޕޯޓް ގްރޫޕެއްވެސް ހަދާފައެވެ. އެހީ ހޯދުމަށް ބޭނުން ކުރައްވާނީ މި ލިންކެވެ. https://t.me/AdduMap

މިހާތަނަށް އައިއިރު 20 މީހެއްގެ ފަރާތުން، 400 އަށްވުރެ ގިނަ ތަންތަން މެޕް އައްޑޫގައި ރަޖިސްޓަރވެ، ހޯދޭގޮތަށް ހަމަޖެހިފައިވާ އިރު، ކޮންމެ ފަރާތަކަށްވެސް މެޕް އައްޑޫގައި ތަނެއް ރަޖިސްޓަރ ކުރެވޭނެއެވެ. އަދި ޓީމުގެ އެދުމަކީވެސް ވީހާވެސް ގިނަ ބަޔަކު ލޮކޭޝަންތައް މެޕް އައްޑޫގައި ރަޖިސްޓަރކޮށް، އޭގެ ބޭނުންތެރިކަން އިތުރުކުރުމެވެ.