Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ހޯމް މިނިސްޓަރު އިމްރާން މާލެ ޖަލަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލައްވައިފި

ހޯމް މިނިސްޓަރު މާލެ ޖަލަށް މިއަދު ކުރެއްވި ޒިޔާރަތުގައި --

މާލެ ޖަލުގެ ހާލަތު ބައްލަވައިލެއްވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މާލޭ ޖަލަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

މިނިސްޓަރު މާލޭ ޖަލަށް ކުރެއްވި ޒިޔާރަތުގައި ޖަލު ގޮޅިތަކަށް ވަޑައިގެން ގޮޅިތަކުގެ ހާލަތު ބައްލަވާ، ޖަލުގައި ރަނގަޅު ކުރަން ހުރި ކަންކަމާއި ޖާގަ އިތުރު ކުރަން ކުރެވެން ހުރި ކަންކަން ދެނެގަނެ މައުލޫމާތު ހޯއްދެވިއެވެ. އަދި ބައެއް ގައިދީންނާއި، ވާހަކަފުޅު ދައްކަވާ އެ މީހުންގެ ކަންބޮޑުވުންތަކާއި ޖަލުތަކުގެ ހާލަތު ރަނގަޅު ކުރައްވާނެ ކަމުގެ ޔަގާންކަން ގައިދީންނަށް މިނިސްޓަރު ދިނެވެ.

ހޯމް މިނިސްޓަރު މާލެ ޖަލަށް ވަޑައިގެންފައި މިވަނީ 48 ގަޑިއިރުގެ ތެރޭގައި މާލެ ޖަލު އެނެކްސް ބަންދު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފައި ވަނިކޮށެވެ.

އެޗްއާރްސީއެމުން ބުނީ ރިމާންޑް ޖަލަކީ ގައިދީން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫންކަމަށް ބުނެ އެތަން ބޭނުން ކުރުން ހުއްޓާލާފައި ވާކަމަށް، ކަރެކްޝަނުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އިއްޔެ ރިމާންޑް ޖަލަށް ދިއުމުން ކުރުމުން، އެތަނުގައި 25 ގައިދީއަކާއި ބަންދު މީހަކު ބަންދުކޮށްފައި ތިބިކަން ފާހަގަ ވެފައިވާ ކަމަށެވެ.

އެޗްއާރްސީއެމުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ، އިއްޔެ އެ ކޮމިޝަނުން ރިމާންޑް ޖަލަށް ކުރި ޒިޔާރާތުގައި އެތަނުގެ ހާލަތު ކުރިއަށް ވުރެ މިހާރު ދަށް ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެތަނުގެ ތެރޭގައި ބާވެފައިވާ ދަގަނޑާއި ކުދި ހިލަ ގޯންޏާއި ވެލި ގޯންޏާއި އަދި ގޮޅިތަކުގައި ހިރަފުސް ބޯވެފައި ހުރުމާއި ގޮޅިތައް ސާފުތާހިރު ނޫން ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެކަމާ ނުރުހުން ފާޅުކުރައްވާ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވަނީ އެޗްއާރްސީއެމްއިން ރައްޔިތުންނަށް ކަންކަން އޮޅުވާލަމުން ގެންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

މުނާޒުގެ ޓްވީޓާގައި އޭނާ ވިދާޅުވީ ގައިދީންގެ ހައްގުތައް ކަށަވަރު ކޮށްދީ ޖަލުގެ ކަންކަން އިސްލާހު ކުރަން މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. މުނާޒް ވިދާޅުވި ގޮތުގައި ކޯޓަށާއި ޑޮކްޓަރަށް ދައްކަން މާލެ ގެނައި ގައިދީންތަކެއް މާލޭ ޖަލުގެ އެނެކްސް އިމާރާތުގައި ބައިތިއްބަން ޖެހުނީ ކަނޑު ދަތުރު ނުކުރެވޭ ވަރަށް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފައިވާތީ ކަމަށެވެ. އަދި އެ ވާހަކަ އެޗްއާރުސީއެމަށް އެންގި ކަމަށް މުނާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޗްއާރުސީއެމުން ފާހަގަކުރި ތަނަކީ މީހުން ބަންދުކޮށްފައި ބޭތިއްބުމަށް ގާނޫނީ ގޮތުން ހުރަހެއް އޮތް ތަނެއް ނޫން ކަަމަށް ވިޔަސް ޖަލެއްގެ ގޮތުގައި މީހުން ބަންދުކޮށްފައި ބޭތިއްބުމަށް އެތަން ބޭނުން ނުކުރާ ކަމަށެވެ. ނަމަވެސް އެކި ބޭނުންތަކަށް ހެނދުނު މާލެ ގެންނަ މީހުން މެންދުރު ފަހު ފުރުވާލެވެންދެން އެތަނުގައި ބައިތިއްބާކަން އެޗްއާރުސީއެމްގެ ބޭފުޅުންނަށް ކުރިން ވެސް އެނގޭނެ ކަމަށް މުނާޒް ވިދާޅުވި އެވެ.