Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ބޮޑު އަލިފާން: ޗީފް އޮފް ޑިފެންސްގެ ހިފެހެއްޓުމެއް ނެތް ޝުކުރު ސިފައިންނަށް!

ޗީފް އޮފް ޑިފެންސް ޝަމާލް -- ފޮޓޯ / ވީނިއުސް

މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މީހުން ސަލާމަތް ކުރުމަށްޓަކައި ސިފައިންގެ ފަޔާ ފައިޓަރުން ކުރި މަސައްކަތަކީ ޝުކުރު ހައްގު މަސައްކަތެއް ކަމަށް ވިދާޅުވެ، ފަޔާ ފައިޓަރުންނާއި އެ މަސައްކަތުގައި އޭރު އުޅުނު ހުރިހާ ފަރާތްތަކަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެެރަލް އަބްދުﷲ ޝަމާލު ތައުރީފު ކުރައްވައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮފް ޑިފެންސް ވިދާޅުވީ އަލިފާނުގެ ހާދިސާ ލިބުނުފާ ހަތަރު ވަރަކަށް މިނެޓުގެ ތެރޭގައި ފުރަތަމަ އަލިފާން ނިއްވާ ވެހިކަލް އެތަނަށް ދިޔަ ކަމަށެވެ. އަދި އޭގެ ފަސް ވަރަކަށް މިނެޓު ފަހުން އިތުރު ވެހިކަލެއް އެތަނަށް ގޮސް އަލިފާންގަނޑު ނިއްވުމަށް މަސައްކަތް ކުރި ކަމަށެވެ.

ޝަމާލް ވިދާޅުވީ އަލިފާންގަނޑު ފެތުރިގެން ދިޔަލެއް ބާރު ކަމުން ސިފައިންގެ ފަޔާ ފައިޓަރުން މަސައްކަތް ފެށީ ގެތަކުން މީހުން ހުސްކުރުމާއި ގެތަކުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް ކަމަށެވެ.

"ސިފައިންގެ ފަޔާ ފައިޓާސްގެ ހިތްވަރާއި ކަރޭޖާއި އަދި މިކަހަލަ ކަމެއްގައި [އަލިފާނުގެ ބޮޑު ހާދިސާއެއްގައި] އެއްވެސް ވަރަކަށް އަމިއްލަ ފުރާނައަށް ނުވަތަ އެމީހަކަށް ލިބިދާނެ ގެއްލުމަކަށް ވިސްނާނުލާ މީހުން ސަލާމަތް ކުރުމަށްޓަކައި ފަޔާ ފައިޓަރުން ވަދެ، މީހުން ސަލާމަތް ކުރުމަށް ކުރި މަސައްކަތް،" ޗީފް އޮފް ޑިފެންސް ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ޝަމާލް ވިދާޅުވީ މިހާރުވެސް ސިފައިން އެ ސަރަހައްދުގައި މަސައްކަތް ކުރަމުން ދަނީ އެތަނުގައި ކިރިޔާވެސް އާއްމުންނަށް ވަދެވޭނެ ގޮތަށް ހުރި އިމާރާތްތައް ބެލުމުގެ މަސައްކަތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި ކަމުގައި "އޮޕަރޭޝަނަލް އެސެސްމަންޓެއް" ތަފްސީލީ ގޮތެއްގައި ހަދާނެ ކަމަށެވެ. އަދި މިފަދަ ހާދިސާތަކުން ވެސް ސިފައިން ރަނގަޅު ކުރަން ހުރި ކަންކަން ދެނެގަނެ އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ޗީފް އޮފް ޑިފެންސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ 100 ޕަސެންޓް އެންމެ ޕާފެކްޓް މުއައްސަސާއަށް ނުވެދާނެ. އަޅުގަނޑުމެންވެސް މިފަދަ މާހައުލެއްގައި މަސައްކަތްކުރާއިރު ހުންނާނެ ރަނގަޅު ކޮށްލަންޖެހޭ ކަންކަންވެސް. އެކަންކަން ރަނގަޅު ކުރާނެ ކަމުގެ ޔަގީންކަން ސިފައިނަށާއި އަދި އާންމު ރައްޔިތުންނަށް ވެސް އަރުވަން." ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ މިފަދަ ހާދިސާތަކުގައި ދެންވެސް ރައްޔިތުންގެ ފަރާތުން އެއްބާރުލުމާއި ގައުމީ ވިސްނުން އިސް ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ހުކުރު ދުވަހު ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 400އަށްވުރެ ގިނަ މީހުންގެ ބޯހިޔާވަހިކަން ގެއްލިގެން ދިޔައެވެ. އަދި މި ހާދިސާގައި އެކަކު ވަނީ މަރުވެގެންވެސް ގޮސްފައެވެ.