Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ޗައިނާގެ ކުންފުނިތަކުން ރާއްޖޭގެ ފަތުރުވެރިކަމަށް އިންވެސްޓު ކުރުމަށް ގޮވާލައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު - ފޮޓޯ: ފޮރިން މިނިސްޓްރީ

ޗައިނާގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ފަތުރުވެރި ކަމަށް އިންވެސްޓު ކުރުމަށް ވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދައުވަތު ދެއްވައިފިއެވެ.

ޗައިނާގެ ޒިންހުއާ ނިއުސް އޭޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރަމުންދާ ގައުމު ކަމަށެވެ. އަދި ދާދިފަހުން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ވެސް ޗައިނާއަށް ސީދާ ދަތުރުތައް ކުރަން ފަށާފައިވާ ކަމަށާއި އެކަމުގެ ސަބަބުންވެސް ޗައިނާގެ ރައްޔިތުން ރާއްޖެ އައުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުން ޗައިނާގެ ފްލައިޓުތައްވެސް ވީހާވެސް ގިނައިން ރާއްޖެ އައުމަށް. އަޅުގަނޑުމެން ބަލަމުން މިދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ޗައިނާގެ އިންވެސްޓަރުން އިންވެސްޓު ކުރޭތޯ. އޭރުން ސީދާ ޗައިނާގެ ރައްޔިތުން ބޭނުންވާ ޕްރޮޑަކްޓު މި ގައުމުގައި އުފެދިގެން ދާނެ،" ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު މިފަދައިން ވިދާޅުވެފައިވާއިރު އެމަނިކުފާނު މިވަނީ ދާދިފަހުން ޗައިނާއަށް ވަޑައިގެން އެގައުމުގެ އިސްވެރިންނާއި ވެސް ބައްދަލުކުރައްވާ ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިގެންދާނެ ދާއިރާތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. މިއީ ފޮރިން މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގަތް ފަހުން އެމަނިކުފާނު ޗައިނާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.