ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ކުރިމަތިވެފައިވާ ނުރައްކަލާއި، ކަނޑަށް އުކާލެވޭ ޕްލާސްޓިކް ކުނީގެ ސަބަބުން ކަނޑުތަކުގެ ދިރުންތައް މަރުވެ، ފަރުތައް ހަލާކުވެ، ރާއްޖޭގެ ޤުދުރަތީ ރީތިކަން ގެއްލެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމެރިކާގެ ނިއުޔޯކްގައި މިއަދު ކުރިއަށްދިޔަ "ބްލޫ ލީޑާސް ކޯލް ޓު އެކްޝަން އޮން އޯޝަން އެންޑް ކްލައިމެޓް ސަމިޓް" ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުމުގައި، "އޯޝަން އެންޑް ކްރަޔޯސްފިއާ އިން އަ ޗޭންޖިން ކްލައިމެޓް" (އެސް.އާރް.އޯ.ސީ.ސީ.) ގެ ޚާއްޞަ ރިޕޯޓުގެ ހޯދުންތަކުގެ މަޢުލޫމާތު، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޤައުމުތަކުގެ އިސްވެރިންނާއި ޙިއްޞާކޮށްފައިވެއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ގުދުރަތީ ރީތިކަން ގެއްލިގެންދާ މައްސަލަތައް ޙައްލު ކުރުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.
ރައީސް ވިދާޅުވީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން ކުޑަކޮށް، އެކަމުން ރައްކާތެރިވުމަށް ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަކީ ސަރުކާރުގެ ޚާއްޞަ އަމާޒެއް ކަމަށެވެ. މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން ކުޑަކޮށް، އެކަމުން ރައްކާތެރިވުމާއި އެކަމުގެ އަސަރުތަކުން އަރައިގަނެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާއި ޙިއްޞާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ޕެރިސް އެއްބަސްވުމާއި އެއްގޮތަށް ޖައްވަށް ވިހަ ގޭސްތައް ދޫކުރާ މިންވަރު މަދުކުރުމަށް ރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ވިދާޅުވެފައެވެ.
އަދި އިޔާދަކުރަނިވި އީޖާދުތައް ބޭނުންކުރުމަށް ބާރުއެޅުމާއި، ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ބާރުއަޅާ މިންގަނޑުތަކެއް ތަންފީޒު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ އިތުރު ދެ އަތޮޅެއް ޔުނެސްކޯ ބަޔޯސްފިޔާ ރިޒާވްގެ ގޮތުގައި ރައްކާތެރިކޮށްފައިވާ ތަންތަނުގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ނިންމާފައިވާކަމުގެ މަޢުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާއި ޙިއްޞާ ކުރައްވާފައެވެ.
ކަނޑާއި ކަނޑުގެ ދިރުންތަކަކީ ރާއްޖެ ފަދަ ޤައުމުތަކުގެ ދެމިއޮތުމާއި ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ އެއްޗެހިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެ ފަދަ ޤައުމުތަކަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ޤައުމު ކަމުގައެވެ.
އެގޮތުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ދެމެހެއްޓެނިވި އަދި ކަނޑުތަކުގެ ދެމިއޮތުމަށް ބާރުއަޅާ އިޤްތިޞާދުތަކެއް ބިނާކުރުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދުނިޔޭގެ ކަނޑުތަކުގެ 30 އިންސައްތަ ހިމާޔަތްކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ބައިނަލްއަޤްވާމީ ލީޑަރުން އެއްބަސްވެވަޑައި ގެންނެވުމަށާއި އަދި ކަނޑުތަކުގެ ބާކީ 70 އިންސައްތަ އާއިމެދު 2020ގައި ކުންމިންގްގައި ބާއްވާ އ.ދ. ގެ ބަޔޯޑައިވާސިޓީ ކޮންފަރެންސްގައި ޤައުމުތަކުން އެއްބަސްވުމެއް އެކުލަވާލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.