ދުނިޔޭގެ އެންމެ ފުރަތަމަ "ޕާލޭ ފިއުޗާ އައިލެންޑް ނޭޝަން" އަކީ ދިވެހިރާއްޖެ ކަމުގައި އިޢުލާނުކޮށްފިއެވެ.
މިކަން އިޢުލާނުކޮށްފައިވަނީ އ.ދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށްދިޔަ ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތަކާބެހޭ ވިޔަފާރި ފޯރަމުގައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއަދު ބޭއްވި މި ދަންފަޅީގައި ކުދި ޖަޒީރާ ގައުމެއްގެ ގޮތުގައި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ ކުރިމަތި ކުރި ސުވާލުތަކަށް އެމަނިކުފާނު ވަނީ ޖަވާބު ދެއްވާފައެވެ. މީގެ އިތުރުން ޕާލޭ ފޯ ދަ އޯޝަންސްއާއި ދިވެހިރާއްޖެއާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ މި ފޯރަމްގައި މައުލޫމާތު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާއާ ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ މައްސަލަތަކާއި، ގާނޫނާއި ގަވާއިދާ ހިލާފަށް ދެމެހެއްޓެނިވި ނޫން ގޮތްގޮތަށް މަސްވެރިކަން ކުރުމުން މަހުގެ އާބާދީ މަދުވަމުން ދިއުމާއި، ޕްލާސްޓިކު ކުނިބުނި ގިނަވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖެއިން ޕާލޭ ފޯ ދަ އޯޝަންސް އާއި ގުޅިގެން މަސައްކަތް ކުރަން ނިންމި ސަބަބުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ.
މީގެއިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ ޕާލޭ އޭއައިއާރު ސްޓްރެޓެޖީއަށް ތަޢުރީފުކުރައްވައި އެ ސްޓެރެޓެޖީގައި ހިމެނޭ ޕްލާސްޓިކާއި ދުރުހެލިވުމާއި ޕްލާސްޓިކު ނައްތާލުމާއި ޕްލާސްޓިކު ނޫން އައު ގޮތްތަކެއް ހޯދުމުގެ ވިސްނުމަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން އާންމު ދިރިއުޅުމުގައި ބޭނުންކުރަންޖެހޭ ތަކެއްޗަކީ ތިމާވެއްޓާ ރަހުމަތްތެރިގޮތަށް ފަރުމާކުރެވޭ ތަކެއްޗަށް ހެދިއްޖެނަމަ، އެއީ ރާއްޖެއަށް ދިމާވެފައިވާ ޕްލާސްޓިކު ކުނިބުނީގެ މައްސަލައަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް މަސައްކަތްކުރާ ގައުމުތަކުގެ އެންމެ ކުރީގައި ހިމެނޭ ގައުމެއްގެ ގޮތުގައި އޮތުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، 2023 ވަނަ އަހަރުގެ ނިޔަލަށް "ސިންގަލް ޔޫސް ޕްލާސްޓިކް" ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން ރާއްޖެއިން ނިންމާފައިވާ ނިންމުމަށް އަލިއަޅުއްވާލައްވާފައެވެ.
އެއީ، އެފަދަ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ގައުމަކުން މިހާތަނަށް ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އަޒުމުކަން ފާހަގަކުރައްވާ އެމަނިކުފާނުވަނީ، އެއީ، ރާއްޖޭގެ، "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލްގެ ވަރަށް މުހިއްމު އަސާސެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ މޮޑެލަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިލުމަށް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް، (ސިޑްސް) ނުވަތަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ހާސިލުކުރެވޭނެ ފަދަ ވަށާޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ޕްލާސްޓިކާ ދުރު ޖަޒީރާ ޤައުމަކަށް" ރާއްޖެއިން އަމާޒުހިފުމުގެ މައިގަނޑު ބޭނުމާމެދު ހުށަހެޅުނު ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ހަދާ އެއްބަސްވުމެއްގެ ދަށުން ރާއްޖެއިން އަމާޒު ހިފާފައިވަނީ ނޫ އިގްތިސާދުގެ ވިސްނުމާއި އަދި ކަނޑުގެ ދިރުންތަކާ ވެށި ހިމާޔަތްކުރެވޭ ގޮތަށް ތަރައްގީގެ ކަންކަން ކުރިޔަށްގެންދިއުމަށް ކަމަށެވެ.
ދުނިޔޭގެ އެންމެ ފުރަތަމަ "ޕާލޭ ފިއުޗާ އައިލެންޑް ނޭޝަން" ގެ މަގާމާއިމެދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ މަގާމަކީ ކަނޑުތަކުގެ ހިމާޔަތަށް މަސައްކަތް ކުރާ ނޫ އިގްތިސާދެއް ބިނާ ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހާމަކޮށްދޭ ޝަރަފެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ ފޯރަމަކީ، އ.ދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތައް ހާސިލްކުރުމަށް ސަރުކާރުތަކާއި ވިޔަފާރި ކުންފުނިތަކާއި ޖަމިއްޔާތަކުގެ ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަޅާ، އެކަމަށް އެއްބާރުލުން ދިނުމަށް މަގިފަހިކުރުވާ ބައްދަލުވުމެއް ކަމަށެވެ. އެ ބައްދަލުވުމުގައި ކުރިއަށްދިޔަ "ސްކޭލިން އެމްބިޝަންސް" ޕެނަލުގައި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތައް ކުރަމުންދާ ކުންފުނިތަކުން ހޯދަމުންދާ ކުރިއެރުންތައް ހިއްސާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.